ޝަރީއަތް ނިމެންދެން ބަންދުގައި ނުވަތަ "ވާނުވާ" ބަންދުގައި ތިބީ ބޮޑެތި ކުށްތަކުގެ ތުހުމަތުގައި ބަންދުކޮށްފައި ތިބި 347 މީހުން ކަމަށާއި އެމީހުން މުޖުތަމައަށް ދޫކޮށްނުލެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާފަންނުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ތާޖުއްދީން ސްކޫލުގައި މިރޭ ބޭއްވި ބައްދަލުވުމުގައި ރައީސް އެހެން ވިދާޅުވެފައިވަނީ، "ވާނުވާ" ބަންދުގައި ތިބި މީހުންނާ ގުޅޭގޮތުން އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދު ފުއްދަވާފައިނުވާ ކަމަށްބުނެ މީހަކު ކަންބޮޑުވުން ހިއްސާކުރުމުންނެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި އިރު، ކްރިމިނަލް ކޯޓާއި ޑްރަގު ކޯޓު ހިންގާނެ ޖާގަ ހުރި އިމާރާތެއް ނެތް ކަމަށާއި ނަމަވެސް މި ސަރުކާރުން އެ ދެ ކޯޓަށް އިމާރާތެއް ހަދައިދީފައިވާނެ ކަމަށެވެ. އަދި މިހާރު ވާނުވާ ބަންދުގައި ތިބި މީހުންގެ ކުށްތަކުގެ ބާވަތްތައް ވެސް ރައީސް ތަފްސީލުކޮށްދެއްވިއެވެ.
"މިހާރު މިގޮތަށް ޝަރީއަތް ނިންމަންޖެހި، ބަންދުކުރެވިފައި ތިބި މީހުންގެ އަދަދަކީ 347. އެ 347 މީހުންގެ ބާވަތްތައް އަޅުގަނޑު ދަންނަވާލާނަން. މީގެ ތެރޭގައި މަރުގެ މައްސަލަ، މީހުން މަރާފައި ހުރި ކަމުގެ ތުހުމަތުގައި 29 މީހުން އެބަތިބި ބަންދުކޮށްފައި. ޓެރަރިޒަމްގެ މައްސަލަތަކުގައި 20 މީހުން ބަންދުކޮށްފައި އެބަތިބި. ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލައިގައި 117 މީހުން އެބަތިބި،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ކުށްތަކުގެ އިތުރަށް މާރާމާރީ ހިންގުމުގެ މައްސަލައިގައި 70 މީހަކު އަދި ޑްރަގް ޓްރެފިކިންގެ މައްސަލަތަކުގައި 16 މީހުން ބަންދުގައި އެބަތިބި ކަމަށާއި އެހެނިހެން މައްސަލަތަކުގައި މަނީލޯންޑަރިން އާއި ވައްކަމާއި ހަތިޔާރު ބޭނުންކޮށްގެން ވައްކަންކުރުމާއި ކިޑްނެޕް ކުރުމާއި ޑޮމެސްޓިކް ވަޔަލަންސްގެ މައްސަލަތަކުގައި ވެސް ބަންދުގައި މީހުން އެބަތިބި ކަމަށެވެ. އަދި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ފަދަ ކުށްތަކުގެ ތުހުމަތުގައި ބަންދުގައި ތިބި ބަޔަކު މުޖުތަމައަށް ދޫކޮށްލުމަށް އެއްވެސް މީހަކު ބޭނުންވާނެތޯ ރައީސް ސުވާލު އުފެއްދެވިއެވެ.
"ފަސް މިނެޓަށް ނޫން، އެންމެ ސިކުންތަކުން ދޫކޮށްލެވުނެއޭ ވިދާޅުވިޔަސް، އަޅުގަނޑު ކުޑަކުދިންނަށް ޖިންސީ ގޯނާ ހިންގާފައިވާ މީހެއްކަމަށް ތުހުމަތުކުރެވޭ މީހެއް، ޓެރަރިޒަމްގެ އަމަލެއް ހިންގާފައިވާ މީހެއް، މާރާމާރީ ނޫނީ މަރެއްގައި ކަމެއް ކޮށްފައި ހުރި މީހެއް، ޑްރަގު ޓްރެފިކް ކޮށްފައި ހުރި މީހެއް ދޫކުރާކަށް އަޅުގަނޑު ހިތުން އެއީ އަޅުގަނޑުގެ ހައްގެއް ނޫން. އަޅުގަނޑަށް ލިބިފައި އޮތް ފުރުސަތެއްވެސް ނޫން، އަޅުގަނޑު ކޮށްގެންވާނެ ކަމެއްވެސް ނޫން އެއީ. އެހެންވީމަ އެކަމެއް ނުވާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މިހާރު ކޯޓުތަކުގެ މައްސަލަތައް އަވަސްކުރެވިގެން މަސައްކަތްތައް ކުރިއަށްދާ ކަމަށާއި މިހާރު މައްސަލަތައް ތާވަލުކުރަމުންދަނީ މައްސަލަތައް ކުރިއަށްދާ ގޮތް އެނގިގެން ކަމަށެވެ. އަދި އެކަންކަން ކުރެވެނީ ޖުޑިޝަރީ މިނިވަންކަމާއެކު ހިންގުމުގެ ފުރުސަތުދޭތީ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު