ތިމާވެއްޓަށް ގެއްލުން ލިބޭ މައްސަލަތަކުގައި ޖޫރިމަނާކޮށްފައިވާ ފަރާތްތަކުން ސަރުކާރަށް ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ހޯދަން ގާނޫނުތަކަށް ގެންނަން އެޓާނީ ޖެނެރަލް އޮފީހަށާއި، ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީއަށް އަންގަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުން އިއްޔެ މިގޮތަށް ފާސްކޮށްފައިވަނީ ތިމާވެއްޓަށް ގެއްލުން ލިބޭ ފަދަ އެކިއެކި މައްސަލަތަކާ ގުޅިގެން ޖޫރިމަނާކޮށްފައިވާ ފަރާތްތަކުން ޖޫރިމަނާ ފައިސާ ނުދައްކާ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ދިރާސާކޮށް މަޖިލީހަށް ހުށަހެޅި ރިޕޯޓުގައި ހިމަނައިގެންނެވެ.

އެ ރިޕޯޓުގައިވަނީ، އެކި ފަރާތްތަކުން ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ހޯދުމުގައި ގާނޫނީގޮތުން ހުރި ދަތިތައް ދެނެގަނެ، އެެ މައްސަލަތައް ހައްލުކުރުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ހަ މަސްދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެޓާނީ ޖެނެރަލްގެ އޮފީހަށާއި އެންވަޔަރަންމަންޓް މިނިސްޓްރީއަށް އަންގާ ކަމަށެވެ.

އޭގެ އިތުރުން ކަމާގުޅޭ ގާނޫނު، ނުވަތަ ގަވާއިދުތައް އިސްލާހު ކުރާއިރު ތިމާވެއްޓަށް ލިބޭ ގެއްލުންތަކާ ގުޅިގެން ޖޫރިމަނާކުރާ މައްސަލަތަކުގައި މުއައްސަސާތަކުން ކަންކަން ނިންމުމަށް ކަނޑައެޅޭ ވަކި ޓައިމްލައިންތަކެއް އެ ގާނޫނު ނުވަތަ ގަވައިދުގައި ހިމަނަން އެންވަޔަރަންމަންޓް މިނިސްޓްރީއަށް އަންގާ ކަމަށްވެސް އެ ރިޕޯޓުގައި ހިމަނާފައިވެއެވެ.

ކޮމިޓީ ރިޕޯޓުގައި ބުނެފައިވަނީ، ތިމާވެއްޓަށް ގެއްލުން ދިނުމުން ކުރާ ޖޫރިމަނާތައް ބިނާވަނީ މައިގަނޑު ދެ ބާވަތެއްގެ މައްސަލަތަކެއްގެ މައްޗަށް ކަމަށެވެ. ފުރަތަމަ ބާވަތަކީ ހިމާޔަތްކޮށްފައިވާ ދިރޭތަކެތި ގެންގުޅޭ ފަރާތްތައް ޖޫރިމަނާ ކުރުމަށް އެދި ހުށަހަޅާ މައްސަލަތައް، ކަމަށާއި ދެވަނަ ބާވަތަކީ އުޅަނދު ފަހަރު ފަރަށް އެރުމުން ލިބޭ ގެއްލުންތަކާ ގުޅިގެން ޖޫރިމަނާ ކުރާ މައްސަލަތަކެވެ.

މި ދެ ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކޮށްފައިވަނީ ބޯޓު ފަހަރު، ނުވަތަ އުޅަނދު ފަހަރު ފަރަށް އެރުމުން ކަމާއި، އެގޮތަށް ކޮށްފައިވާ ޖޫރިމަނާތަކުގެ ތެރެއިން ގިނަ އަދަދެއްގެ ޖޫރިމަނާ ފައިސާ ދައުލަތަށް ލިބިފައިނުވާ ކަމަށް ކޮމިޓީ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.