ރައްޔިތުންގެ މަޖިލީހަށް އަންނަ މެހުމާނުންނާއި ނޫސްވެރިންނަށް ރައްޔިތުންގެ މަޖިލީހުގެ ގެއަށް ވެއްދޭނީ މަޖިލީހުގެ އާއްމު ކޮމިޓީން ކަނޑައަޅާ އުސޫލަކާ އެއްގޮތަށް ކަމަށް މަޖިލީސް ގަވާއިދަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފިއެވެ.
މަޖިލިސް ގަވާއިދުގެ 30 ވަނަ މާއްދާގެ (ހ) އާއި 23 ވަނަ މާއްދާގެ (ޅ) އަށް މި އިސްލާހުތައް ގެންނަން ހުށަހެޅީ މަޖިލީހުގެ ރިޔާސަތުން މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
މަޖިލިސް ގަވާއިދުގެ 30 ވަނަ މާއްދާގެ (ހ) މިހާރު އޮންނަނީ، މަޖިލީހުގެ ގެއަށް މެހެމާނުން ވެއްދުމާއި މަޖިލީހުގެ ކޮމިޓީތައް ހިނގަމުންދާ ވަގުތުތަކުގައި އެ ކޮމިޓީއަކަށް މެހެމާނުންނާއި ނޫސްވެރިން ވެއްދުމުގެ އިންތިޒާމު ހަމަޖައްސައި އެ ކަންކަން ބަލަހައްޓާނީ މަޖިލީހުގެ ސާޖަންޓް އެޓް އާމްސް ކަމަށެވެ.
އެ މާއްދާ އިސްލާހުކުރަން މަޖިލީހުން މިއަދު ފާސްކޮށްފައި ވަނީ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ 24 ވަނަ މާއްދާގައިވާ ގޮތުގެމަތިން މަޖިލީހުގެ ގެއަށް މެހެމާނުން ވެއްދުމާއި މަޖިލީހުގެ ޖަލްސާ އަޑުއެހުމަށް އަންނަ މެހުމާނުންނާއި ނޫސްވެރިންނާއި، މަޖިލީހުގެ ކޮމިޓީތައް ހިންގަމުންދާ ވަގުތުތަކުގައި އެ ކޮމިޓީގެ މެންބަރުން ފިޔަވައި މަޖިލީހުގެ އެހެން މެންބަރުންނާއި މެހުމާނުންނާއި ނޫސްވެރިން އެ ކޮމިޓީއަކަށް ވެއްދުމުގައި އަމަލު ކުރާނީ އާއްމު ކޮމިޓީން ކަނޑައަޅާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އަދި އެ އުސޫލާ އެއްގޮތަށް އިމްތިޔާޒުތައް ހަމަޖައްސައި އެ ކަންކަން ބަލަހައްޓާނީ މަޖިލީހުގެ ސާޖަންޓް އެޓް އާމްސް ކަމަށްވެސް ހިމަނާފައިވެއެވެ.
މަޖިލިސް ގަވާއިދުގެ 23 ވަނަ މާއްދާގެ (ޅ) ގައި މިހާރު އޮންނަނީ، މަޖިލީހުގެ ގެއަށް އަންނަ މެހެމާނުންނާއި، މަޖިލީހުގެ ކޮމިޓީތައް ހިނގަމުންދާ ވަގުތުތަކުގައި ކޮމިޓީއަކަށް އަންނަ މެހެމާނުންނާއި ނޫސްވެރިން މަޖިލީހުގެ ނިޒާމާ ހިލާފު އެއްވެސްކަމެއް ހިންގައިފިނަމަ، އެކަމެއް އާންމު ކޮމިޓީގެ ސަމާލުކަމަށް ގެންނަން ޖެހޭނެ ކަމަށެވެ.
އެ މާއްދާއަށް ގެންނަން ފާސްކުރި އިސްލާހުގައި ބުނަނީ، މަޖިލީހުގެ ގެއަށް އަންނަ މެހުމާނުންނާއި މަޖިލީހުގެ ކޮމިޓީތައް ހިންގަމުންދާ ވަގުތުތަކު ކޮމިޓީއަށް އަންނަ މެހްމާނުންނާއި ނޫސްވެރިން މަޖިލީހުގެ ނިޒާމާ ހިލާފު އެއްވެސްކަމެއް ހިންގައިފިނަމަ އެކަމެއް އިމްތިޔާޒާއި ސުލޫކު ކޮމިޓީގެ ސަމާލުކަމަށް ގެންނަންޖެހޭނެ ކަމަށެވެ.
އިމްތިޔާޒާއި ސުލޫކު ކޮމިޓީގެ މަސްއޫލިއްޔަތަކީ، މަޖިލީހާއި މެންބަރުންނާ ގުޅޭގޮތުން މަޖިލީހަށް ހުށަހަޅާ އިމްތިޔާޒުގެ މައަސަލަތަކާއި، އިމްތިޔާޒަށް އުނިކަން އަންނާނެ އެއްވެސް ކަމެއް ހިނގާފައިވޭތޯ ދިރާސާކުރުމެވެ. އަދި އެފަދަ މައްސަލަތައް ދިމާވިގޮތާއި، އެކަމުގެ ސަބަބު ހޯދައި، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތަކާއި ތައާރުފުކުރަންޖެހޭ އިދާރީ އުސޫލުތައް ކަނޑައަޅައި، އެ އުސޫލުގެ ދަށުން މެންބަރުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑަށް އަމަލުކުރޭތޯ ބެލުންވެސް އެ ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް