އަނބިމީހާއާ ދިމާލަށް "ތިއިނީ ވަރިކޮށްފައި" ކަމަށް ބުނެވުނީ ރުޅި އައިސްގެން ކަމަށް ބުނެ ޝަރީއަތުގައި ހުވާ ކުރުމުން، އެ ވަރި ސާބިތު ނުވާކަމަށް ފެމިލީ ކޯޓުން ނިންމައިފިއެވެ.

ފެމިލީ ކޯޓުން މިފަހުން ނިންމި މި މައްސަލައަކީ ކޯޓުން ބޭރުގައި ވަރީގެ އިބާރާތް ބޭނުން ކުރުމަށްފަހު ވަރި ސާބިތުކުރަން ފެމިލީ ކޯޓަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގެ ހުކުމް ފެމިލީ ކޯޓުން ކޮށްފައިވަނީ މިދިޔަ ނޮވެމްބަރުމަހުގެ 26 ވަނަ ދުވަހުގައެވެ.

ފެމިލީ ކޯޓުގެ ނިންމުމުގައިވާ ގޮތުން ފިރިހެން މީހާ ވަރީގެ އިބާރަތް ބޭނުންކުރީ ދެމަފިރިންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިންނެވެ. ޝަރީއަތުގައި ފިރިހެން މީހާ ބުނެފައިވަނީ ހަމަނުޖެހުމުގެ ތެރެއިން ވަރީގެ އިބާރަތް ބޭނުން ކުރެވުނީ ބޭއިހުތިޔާރުގައި ކަމަށާއި އެއިރު އޭނާ ހުރީ ވަރަށް ބޮޑަށް ރުޅިއައިސްފައި ކަމަށެވެ.

އަންހެން މީހާ ޝަރީއަތުގައި ބުނެފައިވަނީ ދެމަފިރިންގެ މެދުގައި ހަމަނުޖެހުމެއް ހިނގުމުގެ ސަބަބުން ފިރިހެން މީހާ ވަރަށް ބޮޑަށް ރުޅިއައި ކަމަށާއި ނަމަވެސް ވާނުވާ ނޭނގޭ ނުވަތަ އަމިއްލަ ނަފުސު ކޮންޓްރޯލުން ނެއްޓޭ މިންވަރަށް ރުޅިއައިސްފައި ނުވާ ކަމަށެވެ.

އެގޮތަށް އަންހެން މީހާ ބުނުމުން ފިރިހެން މީހާ ބުނީ ވަރީގެ އިބާރަތް ބޭނުން ކުރެވުނީ އެކަމުގެ ގަސްދަތެއް ނެތި ކަމަށާއި އެއީ ރުޅި އައިސް ހުރުމުން ބުނެވުނު އިބާރާތެއްކަމަށް ހުވާކުރާ ކަމަށެވެ.

ފިރިހެން މީހާ ހުވާކުރުމުން ފެމިލީ ކޯޓުން ނިންމީ ވަރި ސާބިތު ނުވާ ކަމަށެވެ.

އެ ހުކުމުގެ ކުރިން ފާހަގަކުރި ކަންކަމުގައި ފެމިލީ ކޯޓުން ބުނީ ރާއްޖޭގެ ގާނޫނުތަކުގައި ރުޅި އައިސްގެން ވަރިކުރުމާ ގުޅޭ އެއްޗެއް ބަޔާންކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް މި މައްސަލައިގައި އިސްލާމީ ފިގުހުތަކުގެ ނިންމުންތަކައް ރިއާޔަތްކުރަން ޖެހޭކަމަށް ފެމިލީ ކޯޓުން ބުންޏެވެ.

ފިގުހީ އިލްމުތަކުން އެނގޭގޮތުގައި ރުޅީގައި ތިން ދަރަޖައެއްވާކަމަށް ފެމިލީ ކޯޓުން ބުންޏެެވެ. އެގޮތުން ފުރަތަމަ ދަރަޖައިގެ ރުޅިއަކީ، ރުޅި އައިނަމަވެސް ވަށައިގެންވާ ހުރިހާކަމެއް އެނގުމާއި އަމިއްލަ ނަފުސުގެ މައްޗަށް ކޮންޓްރޯލް އޮތުންކަމަށް ގާޒީ ވިދާޅުވިއެވެ. އެ ހާލަތުގައި ވަރީގެ އިބާރަތެއް ބޭނުންކޮށްފިނަމަ ވަރިވާނެ ކަމަށް ފެމިލީ ކޯޓުން ބުންޏެވެ.

ރުޅީގެ ދެވަނަ ދަރަޖައަކީ، ރުޅި އަންނައިރު ވަށައިގެން ހިނގާ ހުރިހާ ކަމެއް އެނގުނު ނަމަވެސް އަދި އަމިއްލަ ނަފުސުގެ ކޮންޓްރޯލް ގެއްލޭ ހިސާބަށް ނުދިޔަސް، ރުޅި އައިސްފައިވާ މީހާ ބޭނުންވާ ގޮތާ ހިލާފަށް ބަސްތައް ބުނެވުންކަމަށް ފެމިލީ ކޯޓުން ބުންޏެވެ. ރުޅީގެ ދެވަނަ ދަރަޖައިގައި ހުރެ ވަރީގެ އިބާރަތް ބޭނުންކޮށްފިނަމަ ވަރިވާނެ ކަމާމެދު އިލްމުވެރިންގެ މެދުގައި ހިޔާލު ތަފާތުވެފައިވާކަމަށް ފެމިލީ ކޯޓުން ބުންޏެވެ.

ބައެއް އިލްމުވެރިން ދެކޭގޮތުގައި އެފަދަ ހާލަތުގައި ހުރެ ބުނާ ވަރި ބަހުގެ ސަބަބުން އަނބިމީހާ ވަރިވާނެއެވެ. ނަމަވެސް އަނެއްބައި އިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި އެފަދަ ހާލަތުގައި ހުރެ ދައްކާ ވާހަކައެއްގެ ސަބަބުން އެ މީހާގެ އަނބިމީހާ ވަރިއެއް ނުވާނެއެެވެ.

ރުޅީގެ ތިންވަނަ ދަރަޖަ ތަފުސީލު ކޮށްދެމުން ފެމިލީ ކޯޓުން ބުނީ އެފަދަ ރުޅިއެއްގައި ހުންނަ މީހާއަށް ވަށައިގެން ހިނގާ ކަންކަން ނޭނގޭނެ ކަމަށާއި އަމިއްލަ ނަފުސުގެ މައްޗަށް އެއްވެސް ބާރެއްވެސް ނުފޯރުވޭނެ ކަމަށެވެ. ރުޅީގެ ތިންވަނަ ދަރަޖައިގައި ހުރެ ވަރީގެ އިބާރަތް ބޭނުންކުރި ނަމަވެސް ވަރިނުވާނެ ކަމަށެވެ.