ސެމްސަންގުން ރަސްމީކޮށް 'ގަލެކްސީ ޒެޑް ޓްރައިފޯލްޑް' ތައާރަފުކޮށްފިއެވެ. މިއީ ސެމްސަންގުގެ އެންމެ ބޮޑު މަސައްކަތެއް ކޮށްފައިވާ ސްމާޓްފޯނެވެ.

ދެ ހިންޖާއި ތިން ޑިސްޕްލޭއާއެކު މިފަދަ ޑިވައިސެއް ސެމްސަންގުން ނެރޭ މިއީ ފުރަތަމަ ފަހަރެވެ. މިފަދަ ފޯނެއް ނެރުމާއެކު ސެމްސަންގުގެ ފޯލްޑަބަލް ޓެކްނޮލޮޖީގައި ވަރަށް ބޮޑު ކުރިއެރުމެއް ހޯދިފައިވާކަން ފާހަގަކުރެވޭ ކަމަށް ޓެކް ހަަބަރުތައް ބުނެއެވެ. މި ފޯނު ޓެބްލެޓެއްގެ ސައިޒަށް ބޭނުންކުރެވޭއިރު، ޖީބަށް ލެވޭ ވަރަށް ކުޑަކޮށް ފަށްޖަހައިލެވެއެވެ.

ގަލެކްސީ ޒެޑް ޓްރައިފޯލްޑް ހުޅުވާލުމުން 10 އިންޗީގެ ވައިޑްސްކްރީން ޑިސްޕްލޭއެއް ފެނިގެންދެއެވެ. މިއީ މަސައްކަތްކުރުމަށާއި، މަޖާ ކަންކަމަށާއި، އެކި ކަންކަން އެއްފަހަރާ ކުރުމަށް (މަލްޓިޓާސްކިން) ޓެބްލެޓެއް ފަދަ ތަޖުރިބާއެއް ގެނެސްދޭ ވަސީލަތަކަށް ވެގެންދެއެވެ. ފަށްޖަހައިލުމުން، ނުވަތަ ލައްޕާލުމުން ބޭރުގައި ހުންނަ 6.5 އިންޗީގެ ކޮމްޕެކްޓް ކަވަރު ސްކްރީނެއް ގޮތުގައި ބޭނުންކުރެވޭނެއެވެ. ސެމްސަންގުން ބުނާ ގޮތުގައި، އަލަށް ޑިޒައިންކޮށްފައިވާ ފޯލްޑިން ސްޓްރަކްޗަރާއި މެޓީރިއަލްސްގެ ސަބަބުން ޑިސްޕްލޭގައި ކްރީސް ވުން ވަރަށް ބޮޑަށް ކުޑަކުރެވިފައިވެއެވެ.

ފަށްޖެހޭ ބައެއް ފޯނުތަކުގައި ފެންނަ ބޭރަށް އޮޅާލާ ޑިޒައިނާ ހިލާފަށް، ސެމްސަންގުން މިފަހަރު ބޭނުންކޮށްފައިވަނީ އެތެރެއަށް ފަށްޖެހޭ މެކޭނިޒަމެކެވެ. މިއީ މައި ޑިސްޕްލޭ ޕެނަލް ރައްކާތެރިކޮށްދިނުމަށް އެޅި ފިޔަވަޅެކެވެ. މި ހިންޖު ސިސްޓަމްގެ މެދުގައި ވަނީ ޓައިޓޭނިއަމް އާމާ ފްލެކްސްހިންޖެކެވެ. މިއީ ދެ ރެއިލް ސްޓްރަކްޗަރަކާއި ކުޑަ މެޓަލް ރިއިންފޯސްމަންޓް ޕްލޭޓަކުން އެހީތެރިވެދޭނެ އެއްޗެކެވެ. ސެމްސަންގުން ބުނާ ގޮތުގައި، މި ދެ ހިންޖަކީ ސައިޒުން އެއްގޮތް ދެ ހިންޖެއް ނޫނެވެ. މި ހިންޖުތައް ޑިސްޕްލޭ ޕެނަލްތަކަށް އަޅުވާ ޕްރެޝަރު ހަމަހަމަކުރުމަށް އެއްބަޔަކު އަނެއްބަޔަކަށް އެހީވެދޭނެ އެވެ. ފޯނު ލައްޕާއިރު ރަނގަޅު ނޫންނަމަ، ބޭނުންކުރާ ފަރާތަށް އިންޒާރުދޭނެ ފޯލްޑް ސޭފްޓީ އެލާޓެއްވެސް މި ހިންޖުގައި ހިމެނެއެވެ.

ފޯނު ހުޅުވާލުމުން، އެކި ސަރަހައްދުތަކުގެ ބޯމިން ތަފާތުވެއެވެ. އެންމެ ތުނި ތިންބައިގެ ބޯމިނަކީ 3.9 މިލިމީޓަރެވެ. މެދު ޕެނަލްގެ ބޯމިނަކީ 4.2 މިލިމީޓަރެވެ. އަދި ސައިޑް ބަޓަން ހިމެނޭ ބައިގެ ބޯމިނަކީ 4 މިލިމީޓަރެވެ. ރައްކާތެރިކަން އިތުރުކުރުމަށް ރިއިންފޯސްޑް އޯވަކޯޓަކާއި ޝޮކް އެބްޒޯބިން ޑިސްޕްލޭ ލޭޔަރެއް ހިމެނެއެވެ. ފޯނު ލައްޕާފައި އޮންނައިރު އެތެރޭގެ ޑިސްޕްލޭތައް އެކަތި އަނެކައްޗާ ނުޖެހި ހިފެހެއްޓުމަށް އެލުމިނިއަމް ފްރޭމެއް ހިމެނެއެވެ.

ޓްރައިފޯލްޑްގެ ބާރުގެ ގޮތުގައި، ތިން ބަޔަށް ބަހާލެވިފައިވާ 5,600 mAh ބެޓެރީ ސިސްޓަމެއް ހިމެނެއެވެ. ކޮންމެ ޑިސްޕްލޭ ޕެނަލްގެ ފަހަތުގައި އެއް ބެޓެރީ ސެލް ހުރެއެވެ. ސެމްސަންގުން ބުނާ ގޮތުގައި މިއީ މިހާތަނަށް އެ ކުންފުނިން ސްމާޓްފޯނަކަށް ހިމެނި އެންމެ ބޮޑު ޖުމްލަ ބެޓެރީ ކެޕޭސިޓީއެވެ. ފަހަތުގައި ވަނީ ޓްރިޕަލް ކެމެރާ ސިސްޓަމެކެވެ. މީގެ މައި ކެމެރާއަކީ 200 މެގާޕިކްސެލްގެ ލެންސެކެވެ. މީގެ އިތުރުން 12 މެގާޕިކްސެލްގެ އަލްޓްރާ ވައިޑް ކެމެރާއަކާއި، 3x އޮޕްޓިކަލް ޒޫމް ލިބޭ ޓެލެފޯޓޯ ލެންސެއް ހިމެނެއެވެ. އިތުރު 10 މެގާޕިކްސެލްގެ ދެ ސެލްފީ ކެމެރާ ކަވަރު ޑިސްޕްލޭއާއި މައި ޑިސްޕްލޭގައި ހިމެނެއެވެ.

މި އިތުރު ސްކްރީންގެ ސަބަބުން އާ މަލްޓިޓާސްކިންގް ފީޗާސްތަކެއް ތައާރަފުވެގެންދެއެވެ. ބޭނުންކުރާ ފަރާތްތަކަށް އެއްފަހަރާ ތިން އެޕްލިކޭޝަން ޕޯޓްރެއިޓް ސައިޒުގައި ބޭނުންކުރެވޭނެއެވެ. އަދި ވިންޑޯސްތައް ބޭނުންހާ ގޮތަކަށް ސައިޒު ބަދަލުކުރެވޭނެއެވެ. ނުވަތަ ޝޯތައް ބެލުމަށް 10 އިންޗީގެ މުޅި ޑިސްޕްލޭ ބޭނުންކުރެވޭނެއެވެ. ރީޑިން މޯޑްތަކާއި ވަރޓިކަލް އެޕް ލޭއައުޓްސްވެސް ސަޕޯޓްކުރެއެވެ. ސެމްސަންގުން ވަނީ ސްޓޭންޑަލޯން ސެމްސަންގް ޑެކްސް ހިމަނައިފައެވެ. މިކަމުގެ ސަބަބުން ޓްރައިފޯލްޑްއަށް ލެޕްޓޮޕެއް ފަދައިން މަސައްކަތްކުރެވޭނެއެވެ. ހަތަރު ވޯކްސްޕޭސް އާއި ފަސް އެކްޓިވް އެޕްސްއަށް ސަޕޯޓް ކުރާނެއެވެ. ސެމްސަންގުގެ އަމިއްލަ އެޕްލިކޭޝަންތައް ވަނީ ބޮޑު ޑިސްޕްލޭއަށް ފައްތާފައި (އޮޕްޓިމައިޒްކޮށްފައި) އެވެ. ގޫގަލްގެ ޖެމިނީ ލައިވް އެސިސްޓަންޓްވެސް ވަނީ ޓްރައިފޯލްޑްގެ އިންޓަފޭސްއަށް ފައްތާފައެވެ.

ގެލެކްސީ ޒެޑް ޓްރައިފޯލްޑް ފުރަތަމަ ލިބޭނީ ޑިސެމްބަރު 12 ގައި ދެކުނު ކޮރެއާއިންނެވެ. އޭގެ ފަހުން ޗައިނާ، ޓައިވާން، ސިންގަޕޫރު އަދި ޔޫއޭއީއަށް ނެރޭނެއެވެ. އެމެރިކާގައި ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައެވެ. ސެމްސަންގުން މިހާތަނަށް މި ފޯނުގެ އަގު ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، ޓްރައިފޯލްޑްގެ އަގު ސެމްސަންގުގެ މިހާރުގެ ޒެޑް ފޯލްޑް ސިލްސިލާގެ ފޯނުތަކަށްވުރެ މަތިވާނެ ކަމަށް ބެލެވޭ ކަމަށް ހަބަރުތައް ބުނެއެވެ.