ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް އަށް ވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިއަދު ތަސްދީގު ކުރައްވައިފިއެވެ.

މި ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ ބުރާސް ފަތި ދުވަހުއެވެ.

މި ބިލު ހުށައެޅުމުގެ ބޭނުމަކީ، ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބު ބާއްވައި އެ އިންތިހާބުގެ އެންމެހައި އުސޫލުތަކާއި ކަންކަން ކަނޑައަޅައި ބަޔާންކުރުމަށް ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމެވެ.

އެގޮތުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ލޯކަލް ކައުންސިލެއްގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރުން އިންތިހާބުކުރަން ބާއްވާ ބައި-އިލެކްޝަން ބާއްވަން ވާނީ، އަހަރަކު ދެ ފަހަރު ކަމަށް ބިލްގައި ވަނީ ކަނޑައަޅައިފައެވެ.

މި ބިލު، ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމާއެކު މި ބިލު ގާނޫނަކަށްވެ މިހާރު ވަނީ އަމަލުކުރަން ފަށައިފައެވެ.