ޕޯޓަލްއެއް މެދުވެރިކޮށް އޮންލައިންކޮށް އާއްމުންނަށް މަޖިލީހަށް ޕެޓިޝަން ހުށައެޅޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނަސް ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 272 ވަނަ މާއްދާގެ ނ ގައިވާ ގޮތުގެ މަތިން، މި އިސްލާހު ގެނަސްފައިވަނީ މަޖިލީހުގެ ގަވާއިދުގެ 51 ވަނަ ބާބަށެވެ.
މަޖިލިސް މެންބަރުން މެދުވެރިކޮށް، މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ޕެޓިޝަން ހުށަހެޅުމުގެ ފުރުސަތު، މަޖިލިސް ގަވާއިދުގެ 254 ވަނަ މާއްދާއިން މިހާރު ވެސް ލިބިފައި އޮވެއެވެ.
ނަމަވެސް ގަވާއިދަށް ގެންނަން މިއަދު ފާސްކުރި އިސްލާހުުގައި ވަނީ، ކަރުދާސް ޕެޓިޝަނާއި އިލެކްޓްރޯނިކް ޕެޓިޝަން (އީ-ޕެޓިޝަން) މަޖިލީހަށް ހުށަހެޅޭނެ ކަމަށެވެ.
އީ- ޕެޓިޝަން ހުށަހެޅޭނެ ގޮތްތަކުގެ އިތުރުން ކަރުދާސް ޕެޓިޝަން ހުށަހަޅަން ކުރިން ކަނޑައަޅާފައިވާ ގޮތަށް މި އިސްލާހުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
މަޖިލިސް ގަވާއިދަށް މި ބަދަލުތައް ގެންނަން ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުއްރަހީމް އަބުދުﷲ އެވެ.
އެ އިސްލާހުތައް ގެނައުމަށް ހުށަހަޅުއްވަމުން މަޖިލިސް ރައީސް ވިދާޅުވެފައިވަނީ މި އިސްލާހުގެ ސަބަބުން ޕޯޓަލެއް މެދުވެރިކޮށް ޕެޓިޝަން ހުށަހެޅުމުގެ ފުރުސަތު ރައްޔިތުންނަށް ފަހިވާނެ ކަމަށެވެ.
މިއަދު ފާސްކުރި އިސްލާހުގައި މަޖިލީހަށް ހުށަހެޅޭނެ ޕެޓިޝަންގެ ބާވަތްތަކާއި ހުށަހަޅާ، ޕެޓިޝަނެއްގައި ހުންނަންޖެހޭ ޝަރުތުތައްވެސް ކަނޑައަޅާފައިވެއެވެ. އެ ގޮތުން އެކަށީގެންވާ ރިވެތި އިބާރާތުން ދިވެހިބަހުގެ އަދަބުތަކާ އެއްގޮތްވާ ގޮތުގެ މަތިން މަޖިލީހަށް މުހާތަބުކޮށް އިބާރަތްކޮށްފައިވުމާއި ކަރުދާސް ޕެޓިޝަނެއްގައި އެއް ގަނޑަކަށްވުރެ ގިނަ ގަނޑު ހިމެނޭނަމަ ޕެޓިޝަން ހުށައަޅައި ފަރާތުން އެއިން ކޮންމެ ގަނޑެއްގައިވެސް ސޮއިކޮށްފައިވުން ހިމެނެއެވެ. އަދި ޕެޓިޝަންގައި ޕެޓިޝަން ހުށަހަޅައި ފަރާތާއެކު މަދުވެގެން 500 މީހުން ސޮއިކޮށްފައި އޮތުމަކީ ވެސް ޝަރުތެކެވެ. ޕެޓިޝަންގައި ޝަރުތެއް އުނިވާނަމަ، ޕެޓިޝަން ބަލައި ނުގަންނާނެއެވެ.
އިބްރާހިމް ޒަކީ
އިސްލާމީ ތާރީޚު
ރައްޔިތުންގެ މަޖިލިސް
މާރާމާރީ