މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ފައިސާ ހޯދައި އެފައިސާތައް ވިޔަފާރި އެކައުންޓްތަކަކަށް ޖަމާކުރުވައި، އެފައިސާތައް ނަގަމުންދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބ. ތުޅާދޫ މަންޒަރުގެ، މުހައްމަދު ޝާވިން (23އ) ކަމަށެވެ.
ފުލުހުން ބުނީ ޑޮލަރު މާރުކުރުމަށް ވައިބާ ގްރޫޕަކުން ފެނުނު ފަރާތަކަށް 1250 ޑޮލަރު ޓްރާންފާ ކުރުމުން އެ ޑޮލަރަށްވާ ރުފިޔާ ދީފައިނުވާތީ ފުލުހުންނަށް ހުށަހެޅި މައްސަލައާ ގުޅިގެން މިމަހު 27 ވަނަ ދުވަހު އޭނާ ހައްޔަރުކޮށްފައިވަނީ އެންޓި ސްކޭމް ސެންޓަގެ ރެޕިޑް ރެސްޕޯންސުން ހިންގި އޮޕަރޭޝަނެއްގައި، އެ ފައިސާއާ ހަވާލުވުމަށްފަހު ދަނިކޮންނެވެ.
ފުލުހުންނަށް ހުށަހެޅުނު މި މައްސަލައިގައި މަކަރާއި ހީލަތުން ހޯދާފައިވާ 1250 ޑޮލަރު ރިކަވާކޮށްފައިވާ އިރު، އިތުރު ދެ މައްސަލައެއްގައި ހިމެނޭ ފައިސާ ވެސް ރިކަވާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މިމައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.
"މިމައްސަލާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، ސޯޝަލް މީޑީއާގެ އެކި މަންސަތަކުގައި އެކި ހިދުމަތް ފޯރުކޮށްދޭ ކަމަށް ބުނެ، ރައްޔިތުންގެ ތެރެއިން އެކަންކަމަށް ބޭނުންވާ ފަރާތްތަކުން އެ ހިދުމަތް ހޯދުމަށް ފައިސާ ފޮނުވުމަށް އެދެމުންދަނީ އެކި ވިޔަފާރީގެ ނަމުގައި ހުންނަ އެކައުންޓްތަކަށްކަން ފާހަގަކުރެވޭ، އެގޮތުން ޑޮލަރު މާރުކުރުމާއި ތަކެތި ވިއްކުމާއި އެހެން ބައެއް ހިދުމަތްތައް ފޯރުކޮށްދޭނެ ކަމަށް ބުނެ އެހިދުމަތަށް ފައިސާ އެކި ވިޔަފާރި އެކައުންޓްތަކަށް މަކަރާއި ހީލަތުން ޖަމާކުރުވައި، އެ ވިޔަފާރިތަކަށް ގުޅައިގެން ނަގުދު ފައިސާގެ ގޮތުގައި ނަގަމުންދާކަން ފާހަގަކުރެވޭ، އަދި ނަގުދު ފައިސާ ނުލިބޭ ހާލަތްތަކުގައި އެފައިސާއަށްވާ މުދާ ނަގަމުންދާކަންވެސް ފާހަގަކުރެވޭ،" ފުލުހުން ބުންޏެވެ.
އިބްރާހިމް ޒަކީ
ވިޔަފާރި
ރާއްޖޭގެ ރިސޯޓުތައް
މަސްތުވާތަކެތި އެތެރެކުރުން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު