ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީއޭއޭ2 ގައި ދަމަހައްޓައި، ކުރިން އޮތް "ނެގެޓިވް" އައުޓްލުކް "ސްޓޭބަލް"އަށް މޫޑީޒްއިން ބަދަލުކުރުމަކީ، ސަރުކާރުން ކުރިއަށްގެންދާ އިގުތިސާދީ އިސްލާހުތަކުގެ ހެޔޮ އަސަރު ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޒަމީރު އެކްސްގައި މިއަދުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށާއި މާލީ ނިޒާމަށް އިތުބާރު ބޮޑުވަމުންދާކަން، މި ރަނގަޅުވި އައުޓްލުކުން ދައްކައިދޭ ކަމަށެވެ.

ބޭރުގެ ނާޒުކު ކަންތައްތަކަށް ހައްލު ހޯދުމަށާއި، ގައުމުގެ މާލީ ހާލަތު ވަރުގަދަކުރުމަށް މި ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޒަމީރު ފާހަގަކުރެއްވި މުހިންމު އިސްލާހުތަކުގެ ތެރޭގައި ބޭރުގެ ފައިސާގެ ލިކުއިޑިޓީ ރަނގަޅުވުމާއި، ޑޮލަރުގެ އާމްދަނީ އިތުރުވުމާއި، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) ވަރުގަދަކުރުން ހިމެނެއެވެ. އޭގެ އިތުރުން، ދައުލަތުގެ ބަޖެޓުން ހަރަދުކުރުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން މާލީ ގޮންޖެހުންތައް ކުޑަކުރުމަށް އެހީތެރިވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެ މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ މާލީ އަދި އިގުތިސާދީ މިސްރާބަށް އޮތް އިތުބާރު އަލުން ބިނާކުރުމަށް އެހީތެރިވެފައިވާ ކަމަށެވެ.

ސަރުކާރުގެ އިގުތިސާދީ އިސްލާހުތަކުގެ އެޖެންޑާ ކުރިއަށްގެންދާ އިރު، މާލީ ހާލަތު ހަރުދަނާކުރުމަށާއި ޒިންމާދާރުކަމާއެކު ދަރަނި މެނޭޖްކުރުމަށާއި ދެމެހެއްޓެނިވި ދިގު މުއްދަތުގެ ކުރިއެރުމަށް ސަރުކާރުން އަބަދުވެސް އިސްކަންދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.