ދައުލަތުގެ ބަޖެޓުން ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް އިނާޔަތް ދޭން ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ގާނޫނު އިސްލާހު ކުރަން މަޖިލީހަށް ހުށަހެޅި ބިލަށް އާއްމުން ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާހިދު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި މިބިލް މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާ ކުރުމަށް މާލިއްޔަތު ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.

މި ބިލްގައި، ކުރީގެ ނައިބު ރައީސުންނަށް، ދައުލަތުގެ ބަޖެޓުން އިނާޔަތުގެ ގޮތުއި ކޮންމެ މަހަކު 25،000 ރުފިޔާ ދޭން ވަނީ ހިމަނައިފައެވެ.

މިހާރު އަމަލު ކުރަމުންދާ ގާނޫނުގައި ކުރީގެ ނައިބު ރައީސުންގެ ރައްކާތެރިކަމާއި އިނާޔަތުގެ އެއްވެސް ވާހަކައެއް ނޯވެއެވެ.

އަދި ނައިބު ރައީސުންނަށް ވެސް ރާއްޖެއިން ބޭރުންނާއި ރާއްޖެ އިން ސިއްހީ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭގޮތަށް ބިލްގައި ވަނީ ހިމަނައިފައެވެ،

ކުރީގެ ރައީސުންނެކޭ އެއްފަދައިން ކުރީގެ ނައިބު ރައީސުން ވެސް ރިޔާސީ އިތުރު ދައުރެއް ފުރިހަމަ ކުރައްވާ ނަމަ ނުވަތަ ދައުލަތުގެ އިތުރު މަގާމެއް އަދާކުރައްވާ ނަމަ ގާނޫނުގައި ބުނާ އިނާޔަތްތައް އެ މުއްދަތަށް މެދުކެނޑޭނެ ކަމަށްވެސް ބިލްގައި ހިމެނެއެވެ.

މި ބިލް ދިރާސާކުރުމަށް ބޭއްވި މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އަންނަ ހޮނިހިދު ދުވަހުގެ 12.00 އާ ހަމައަށް ބިލަށް އާއްމުންގެ ހިޔާލު ހުށަހަޅަން ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަންދޫހެވެ. ތާއީދު ކުރެއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ. އެގޮތަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

އެހެންކަމުން ބިލާމެދު އާއްްމުންގެ ހިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިއުމުން ހުށަހެޅުމާއި، މާލިއްޔަތު ކޮމިޓީގެ މެއިލްއަށް މެއިލް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

މި ބިލްގެ މަސައްކަތް ހޮނިހިރު ދުވަހަށް ނިންމައި މަޖިލިސް ތަޅުމަށް ފޮނުވަންވެސް ކޮމިޓީން ވަނީ ނިންމައިފައެވެ.

ބިލްގައިވާ ގޮތުން އެ އިނާޔާތްތައް ލިބިވަޑައިގަންނަވަނީ މިހާތަނަށް ފަސް އަހަރުގެ ރިޔާސީ ދައުރެއް ފުރިހަމަ ކުރެއްވި ހަމައެކަނި ނައިބު ރައީސް ފައިސަލަށެވެ.

ފައިސަލް ފިޔަވައި އިތުރު ބޭފުޅެއް، ނައިބު ރައީސްގެ މަގާމު ފަސް އަހަރު ދުވަހުގެ ދައުރެއް އަދާކުރައްވާފައެއް ނުވެއެވެ.

ކުރީގެ ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންކަމަށްވާ މުހައްމަދު ވަހީދު، މުހައްމަދު ވަހީދުއްދީން (ޑީން) އާއި ޑރ. މުހައްމަދު ޖަމީލް އަހުމަދު، އަބްދުﷲ ޖިހާދު އަދި އަހުމަދު އަދީބަށް، ނައިބު ރައީސްގެ ގޮތުގައި ފަސް އަހަރުގެ ދައުރެއް އަދާކުރައްވާފައިނުވެއެވެ.