ދުންފަތުގެ އިސްތިއުމާލު ކުރުން މަދުކުރުމަށް ގާނޫނަށް ގެނައި ބަދަލުތަކުން އެޅި ފިޔަވަޅުތަކުގެ ސަބަބުން، ދުންފަތާ ގުޅުންހުރި ކުށްތަކަށް އަރައިގަތުން އިތުރުވެފައިވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުޖީލަށް ދުންފަތުގެ ބާވަތްތައް ވިއްކުން ގާނޫނުން މަނާކޮށްފައިވާ "ޖެނެރޭޝަން ބޭން" ތަންފީޒު ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ކަންތައްތަކާ ބެހޭގޮތުން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރާ ސުވާލު ކުރައްވަމުން މެންބަރު ވިދާޅުވީ، މިފަހަކަށް އައިސް ދުންފަތާ ގުޅުން ހުރި ރޭވިގެން ހިންގާ ކުށްތައް އިތުރުވެފައިވާކަން ފާހަގަކުރެވޭ ކަމަށެވެ. އެހެންކަމުން ދުންފަތް ކޮންޓްރޯލް ކުރުމަށް މިހާރުގެ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއި އެކަމާ ގުޅުމެއްވޭތޯ ސުވާލު ކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ، އަބަދުވެސް ބައެއް ބަދަލުތަކަކީ، އެއިން ކޮންމެވެސް އަސަރުތަކެއް ކުރާނެ ކަންކަން ކަމަށެވެ.
"އެކަމަކު އަޅުގަނޑު ނުދެކެން ފަހަރެއްގައި ވެސް ދުންފަތާ ގުޅިގެން އަޅުގަނޑުމެން މިއަޅަމުންދާ ފިޔަވަޅުތައް އެއީ ކޮންމެހެން ކުށްތައް އިތުރުވާންޖެހޭ ސަބަބެއް ގޮތުގައެއް، އެގޮތަށް އަޅުގަނޑަށް އަމިއްލަ ހައިސިއްޔަތުންވެސް ގަބޫލެއް ނުކުރެވޭ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ސަރުކާރުން ޖެނެރޭޝަނަލް ބޭން ނުވަތަ ޖީލަކަށް ދުންފަތް މަނާކުރުން ތަންފީޒު ކުރަމުން ދަނީ އެކަމުގައި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ކަމަށެވެ.
ގައިންގަޔަށް ނާރާ ބަލިތައް އިތުރުވާ މައްސަލައަށް ހައްލު ގެނައުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން ދުންފަތުގެ ސަބަބުން މިފަދަ ބަލިތައް އިތުރުވާ މިންވަރު މަދުކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން މިކަމުގައި އަޅަމުންދާ ފިޔަވަޅުތައް ތިން ކަމަކަށް ބިނާވާ ކަމަށް ވިދާޅުވިއެވެ. އޭގެ ތެރެއިން މީހުން ހޭލުންތެރި ކުރުވުމާއި އެކަން ކުރުމަށް ބޭނުންވާ ސިފަތައް ނުވަތަ ވައްޓަފާޅި މީހުންނަށް އޮޅުން ފިލުވައިދިނުމާއި އެކަމަށް މީހުންގެ މެދުގައި ޝައުގުވެރިކަން އުފެއްދުމަށް މަސައްކަތްކުރުން ހިމެނޭކަން ފާހަގަ ކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ މިކަންކަން ތަންފީޒު ކުރަނީ، ދުނިޔޭގައި މިފަދަ ކަންކަން ކުރާ ގޮތްތަކާއި އެކަމާ މެދު ހެދިފައިވާ އިލްމީ ދިރާސާތަކާއި ކަމާ ގުޅުން ހުރި ހުރިހާ އިދާރާތަކާ އެކު މަޝްވަރާކޮށްގެން ކަމަށެވެ. ނަމަވެސް މިކަމުގެ ސަބަބުން އަންނާނެ ބަދަލުތައް ދެނެގަނެވޭނީ، މިފިޔަވަޅުތައް ތަންފީޒުކޮށް އޭގެ ދުވަސްކޮޅެއް ފަހުން ކަމަށްވެސް ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
އިސްލާމީ ތާރީޚު
ރައްޔިތުންގެ މަޖިލިސް
މާރާމާރީ