ދުންފަތުން ދުރުވާން ބޭނުންވާ ފަރުވާ ދޭ ސިޒޭޝަން ކްލިނިކްތައް ރާއްޖޭގެ ހުރިހާ ރަށެއްގައި ގާއިމްކޮށްފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރުން ކޮންޓްރޯލްކޮށް ހުއްޓުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުދިންނަށާއި އަދި އުފަންވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން ގާނޫނުން މަނާކޮށްފައިވާ "ޖެނެރޭޝަން ބޭން" ތަންފީޒު ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ "ޖެނެރޭޝަން ބޭން" ތަންފީޒު ކުރުމަށް ތިން ކަމަކަށް ރިއާޔަތް ކުރައްވާ ކަމަށެވެ.

"އެއް ކަމަކީ މީހުންނަށް ރަނގަޅު މައުލޫމާތު ފޯރުކޮށްދިނުން، އެއީ މީހެއްގެ ބިހޭވިޔާ ރަނގަޅު ކުރުމަށް އެންމެ މުހިއްމު ކަމަކީ ރަނގަޅު އިލްމު ނުވަތަ ރަނގަޅު މައުލޫމާތު ފޯރުކޮށްދިނުން، ދެވަނަ ކަމަކީ އެފަދަ ކަމެއް ކުރުމަށް ބޭނުންވާނެ އަމަލީ ހުނަރު، ނޫނީ ވައްޓަފާޅި ނޫނީ އެ ސިފަތައް އޮޅުން ފިލުވައިދިނުން، ހަމަ އެއާ އެއްވަރަށް ތިންވަނައަށް އެންމެ މުހިއްމު ކަމަކީ މިކަމަށް މީހުންގެ ޝައުގުވެރިކަން އުފެއްދުން،"

މިނިސްޓަރު ވިދާޅުވީ، މީހާގެ އުޅުމަށް ބަދަލު އަންނަނީ މި ތިން ސާކަލް އެއްގޮތަށްވާ ހިސާބުން ކަމަށެވެ.

"އެގޮތުން "ޖެނެރޭޝަން ބޭން"އާ ގޫޅޭ މައުލޫމާތާއި ދުންފަތުގެ އިސްތިއުމާލު ނުކުރުމުން އިންސާނާގެ ހަށިގަނޑަށާއި ސިއްހަތަށް ލިބޭ ގެއްލުމުގެ މައުލޫމާތު ރާއްޖޭގެ ތާރީހުގައި މިހާތަނަށް ނުދެވޭވަރަށް މިދަނީ ދެމުން،"

އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ދުންފަތުން ދުރުވަން ބޭނުންނަމަ، ސިޒޭޝަން ކްލިނިކް ތަކުގެ ހިދުމަތްދީ އެކަމަށް ބޭނުންވާ ބޭސް ފަރުވާގެ ހިދުމަތްތައް އާސަންދަ ނިޒާމުގެ ތެރެއިން ހިލޭ ހަމަޖެހި، ރާއްޖޭގެ ހުރިހާ ރަށެއްގައި އެފަދަ ކްލިނިކްތައް މިހާރު ގާއިމް ކުރެވިފައިވާ ކަމަށެވެ.

"އަޅުގަނޑު މިއަދު ކަށަވަރުކޮށްދޭން ބޭނުންވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވެ ހުރުމަށް ބޭނުންވާ އެއްވެސް މީހަކަށް މިކަމުގެ ހިދުމަތް ހޯދަން ބޭނުންވެއްޖެ ހިނދެއްގައި ރާއްޖޭގެ އެއްވެސް ފަސްގަނޑެއްގައި މިހިދުމަތް ނުލިބި މިއަދު ހުންނާކަށް ނުޖެހޭނެ، ހަމަ އެއާއެކު ކުއްލިއަކަށް ގުޅޭނެ ހެލްޕް ލައިނެއް ގާއިމްކުރެވި ހިދުމަތްދެމުންދަނީ،" މިނިސްޓަރު ވިދާޅުވިއެވެ.