އަންނަ ފެބްރުއަރީ މަހު ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ފަށާނީ 150 ކާރާއެކު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލޭ ސަރަހައްދުގައި ސަރުކާރުން ޓެކްސީ ހިދުމަތް ފަށަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއި ޓްރާންސްޕޯޓު މިނިސްޓްރީއާ އެކު އެމްޔޫއޯއެއްގައި ސޮއިކުރީ ފެބްރުއަރީ 15، 2025 ގައެވެ.

އެ ހިދުމަތް ފަށަން ފުރަތަމަ ނިންމީ މިއަހަރުގެ ޖުލައި މަހުގެ ކުރީކޮޅެވެ. އަދި އެ ހިދުމަތް މިއަހަރުގެ އޮގަސްޓް މަހުގެ ފަހުކޮޅު ފެށުމަށް ލަސްކުރި ނަމަވެސް އެކަން ފެށިފައެއް ނުވެއެވެ. އޭގެ ފަހުން ސަރުކާރަށް ދެ އަހަރު ފާހަގަކުރުމަށް މިމަހުގެ 17 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ރައީސް ވަނީ އަންނަ ފެބްރުއަރީ މަހު އެ ހިދުމަތް ފެށިގެންދާނެކަން އިއުލާންކުރައްވައިފައެވެ.

މައްޗަންގޮޅި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އަމީނިއްޔާ ސްކޫލުގައި ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން ޓެކްސީ ލައިން ހިދުމަތް ފެށުމަކީ ޓެކްސީ ޑްރައިވަރުންގެ ވިޔަފާރި އަތުލުން ނޫން ކަމަށާއި ސަރުކާރުން ބޭނުންވަނީ ރައްޔިތުންނަށް އެންމެ ރަނގަޅު ޓެކްސީ ހިދުމަތް ދޭން ކަމަށެވެ.

"މިހާރު އެއޮތީ 400 ޑްރައިވަރުންނަށް އިއުލާންކޮށްފައި. އަޅުގަނޑުމެން މި ގެންނަނީ 150 އީ ކާރު. މި 150 ކާރު މި ގެންނަނީ. އަންނަ ޖެނުއަރީ، ފެބްރުއަރީ މަސް ތެރޭގައި ހުރިހާ ކާރެއް ގެނެސްގެން މި ފަށަނީ 150 ކާރާ އެކީ. އެމްޓީސީސީގެ ފަރާތުން ޓެކްސީ ސާވިސް މި ދެނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޓެކްސީ ލައިން ހިދުމަތަށް ޑްރައިވަރުން ހޯދުމުގައި އިސްކަންދޭނީ މިހާރުވެސް ޓެކްސީ ދުއްވާ ޑްރައިވަރުންނަށް ކަމަށާއި އެ ހިދުމަތުން ގިނަ ޑްރައިވަރުންގެ ޝަކުވާއަށް ހައްލުތަކެއް ލިބިގެންދާނެ ކަމަށެވެ.

"ޑްރައިވަރުންގެ ތެރެއިން ގިނަ ބައެއްގެ ޝަކުވާއަކީ އެ ފަރާތްތަކަށް ސްޓެޑީ އިންކަމެއް ނުލިބޭތީ. އެހެންވީމަ މިހާރު މި ހުޅުވާލި ފުރުސަތުގަ އެ އޮންނަ އުސޫލުގެ ތެރެއިން ހަމަ ކޮންމެ ގޮތެއްވިޔަސް އެ ލިބެން ޖެހޭ ސްޓެޑީ އިންކަމް މަންތުލީ ލިބޭނެ، ވީކްލީ ލިބެން ޖެހޭ އިންކަމް ލިބޭނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ޓެކްސީ ޑްރައިވަރުންނަށް އާއިލާތަކާއެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު ލިބޭނެ ކަމަށާއި އަބުރުވެރި ދިރިއުޅުމެއް ހޭދަކުރުމުގެ ފުރުސަތުވެސް ލިބޭނެ ކަމަށެވެ. އަދި ރަނގަޅު ފެންވަރުގެ، ތިމާވެއްޓާ ރައްޓެހި ކާރުތަކެއްގައި ވަރަށް ރަނގަޅު ހިދުމަތެއް ލިބޭނެކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.