އެ މަނިކުފާނުގެ މޭޔަރުކަމަށްފަހު މާލޭ ސިޓީ ކައުންސިލަށް ފާއިތުވެދިޔަ ދެ އަހަރުގެ ތެރޭގައި މަސައްކަތް ކުރެވިފައި ނުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މައްޗަންގޮޅި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އަމީނިއްޔާ ސްކޫލުގައި ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ބައްދަލުވުމުގައި ގިނަ މީހުން ފާހަގަކުރި ގިނަ ވާހަކަތަކުން، މިދިޔަ ދެ އަހަރު ލޯކަލް ލެވެލްގައި ކައުންސިލުން ކުރާން ޖެހޭ ގިނަ ކަންތައްތަކެއް ނުކުރެވި ހުރިކަން ފާހަގަކުރެއްވުނު ކަމަށާއި އެގޮތުން އާޓިފިޝަލް ބީޗާއި ރަސްފަންނާއި ޕާކުތަކަކީ ވެސް ކައުންސިލުން ބަލަހައްޓަން ޖެހޭ ތަންތަން ކަމަށެވެ.

އެއީ އެ މަނިކުފާނު މާލޭގެ މޭޔަރަކަށް ހުންނެވި އިރު، ރަނގަޅަށް ބަލަހައްޓަމުންގެންދިޔަ ތަންތަން ކަމަށާއި މިދިޔަ ދެ އަހަރުތެރޭ އެތައް ކަމެއް ނުވެ ހުރިތަން ފެނިފައިވާ ކަމަށެވެ. ނަމަވެސް ކައުންސިލަށް އެކަން ނުކުރެވޭ ނަަމަ، ސަރުކާރުން ހަވާލުވެގެންވިޔަސް، އެކަންކަން ކޮށްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ރަސްފަންނުގެ ވާހަކަ ދައްކަންޏާ، ހައުސިން މިނިސްޓްރީން ވަގުތީ ގޮތުން ހަވާލުވެގެން، ވެލި އަޅައި، އެތާހުރި ހަޓުތައް ހަދައި، ހުރިހާ ކަމެއް ކުރީވެސް. މިހާރުވެސް އެ މަސައްކަތް ކުރަނީ ހައުސިން މިނިސްޓްރީން. އެހެންވީމަ ހަމަ އެގޮތަށް ހަމަ އާޓިފިޝަލް ބީޗްވެސް. މި ކައުންސިލުން އެކަން ނުކުރެވޭ ކަމަށް ވަންޏާ، އަޅުގަނޑުމެންގެ އިރާދަކުރެއްވިއްޔާ ހަމަ ޕަބްލިކް ވޯކްސްއަށް ހަވާލުކޮށްގެން އެތާނގެ ފެންމާގަނޑު ހަދައިދިނުން ކަމުގައިވިޔަސް، ދެން ހުރި ކަންކަންވެސް ކުރާނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެތަންތަން މަރާމާތުކުރުމުގެ މަސައްކަތަކީ މާލެ ސިޓީ ކައުންސިލުގެ ޒިންމާއެއް ކަމަށާއި ސަރުކާރުން ކުރަން ޖެހޭ މަސައްކަތަކީ ޖުމުލަ ތަރައްގީއަށް މަސައްކަތްކުރުން ކަމަށެވެ. އަދި މާލޭ ސިޓީ ކައުންސިލަކީ ބޮޑު އާމްދަނީއެއް ލިބޭ ކައުންސިލެއްކަން ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

"އަހަރަކު 190 މިލިއަނެއްހާ ރުފިޔާގެ އާމްދަނީ ލިބޭނެ. މީކީ ސަރުކާރުން ދޭ ބަޖެޓެއް ނޫން ހަމައެކަނި. ސަރުކާރުން ދޭ ބްލޮކް ގްރާންޓުގެ އިތުރަށް 190 މިލިއަން ރުފިޔާގެ އާމްދަނީ ލިބޭނެ. މާލޭގައި ދުއްވާ ހުރިހާ ވެހިކަލެއްގެ ވެހިކަލް ފީވެސް ލިބޭނެ ކައުންސިލަށް. ހުރިހާ ވެހިކަލް ފީއެއް ލިބޭނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ކައުންސިލަށް ލިބޭ އާމްދަނީން އެތައް ކަމެއް ކުރެވޭނެ ކަމަށާއި އެކަން ނުކުރެވޭ ކަމަށްވަންޏާ، ކައުންސިލަށް ނުކުރެވޭ ކަންކަން ޕަބްލިކް ވޯކްސް އާއި ސަރުކާރުގެ އިދާރާތަކުން ކުރާނެ ކަމަށެވެ.