އަންނަ ދިރާސީ އަހަރު ފެށެންވާއިރަށް ގެދޮރުވެރިޔާ ސްކީމުގެ ހުރިހާ ފުލެޓަކަށް ވަދެވޭނެ ކަމުގެ ޔަގީންކަން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ދީފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މައްޗަންގޮޅި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އަމީނިއްޔާ ސްކޫލުގައި މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ފުލެޓުތައް ވެސް ނިންމާފައިނުވާ ކަމަށާއި ނަމަވެސް މިހާރު އެތަން ނިމެމުންދާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ކަރަންޓާއި ފެން ގުޅުމުގެ މަސައްކަތް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"މި ޑިސެމްބަރު ނިމޭއިރަށް ގިނަ ފުލެޓުތައް ނޫނީ ޓަވަރުތައް ލިބިފައި ހުރި ފަރާތްތަކަށް ނިންމާފައި ހަވާލު ކުރެވޭނެ ކަމަށް އެފްޑީސީން މިއަދު، ރޭވެސް އަޅުގަނޑަށް ޔަގީންކަން ދެއްވާފައި އެބައޮތް. ދެން ނުނިމޭ ތަންތަންވެސް ސްކޫލު ހުޅުވެންވާއިރަށް، އާ ދިރާސީ އަހަރަށް ހުޅުވެންވާއިރަށް ހުރިހާ ޓަވަރަކަށް މީހުންނަށް ވަދެވޭނެކަމުގެ ޔަގީންކަން ދެއްވާފަ އެބައޮތް،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް ފުލެޓުތައް ވެސް އަތުލާފައިނުވާނެ ކަމަށާއި ވައުދުވެވަޑައިގެންނެވި ގޮތަށް ކުރީ ސަރުކާރުގެ ލިސްޓަށް ފުލެޓު ދެމުންދާ ކަމަށެވެ.
"އެ ލިސްޓުގައި ހުރި އެކި އިޝޫޒްތައް އެއީ އަޅުގަނޑުމެން ދެން ބޭނުމެއް ނުވޭ އެކަމަށް އެއްގޮތަކަށްވެސް ބަދަލެއް ގެންނަން. އެހެންވީމަ މިކަމުގައި ވައުދާ ހިލާފަށް އެއްވެސް ކަމެއް ކުރަން ބޭނުމެއް ނުވާތީ ހަމަ އެ ލިސްޓަށް ދީ މި ނިންމަނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މި ސަރުކާރުން 7،500 ފުލެޓު ހެދުމަށް ނިންމާފައިވާ ކަމަށާއި އޭގެ ތެރެއިން 3،000 ފުލެޓުގެ މަސައްކަތް އަންނަ މަހު ފެށިގެންދާނެ ކަމަށެވެ. އަދި އެ ފުލެޓުތައް ދޭނީ، މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްވީ މީހުންގެ ތެރެއިން އެންމެ ބޭނުންޖެހިފައިވާ މީހުންނަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު