ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ކުރުމަށް އިތުރު ޑްރެޖަރެއް މާލެ ގެނެސްފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑްރެޖާ ޓީއެސްއެޗްޑީ ޕްރިންސް ޑެ ނެދަލޭންޑެން މިއަދު އައިސްފައިވާ ކަމަށާއި ހުޅުމާލެ ފޭސް 3 ގައި މިހާރު މަސައްކަތް ކުރަމުންދާ ޑްރެޖާ ޓީއެސްއެޗްޑީ އޮރާންޖީއާ އެކު މާދަމާ އެތަނުގައި މަސައްކަތް ފަށާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ގިރާވަރުގައި ބަންޑު ވޯލްގެ މަސައްކަތް ފަށާނީ އީއައިއޭ އާއި އެހެނިހެން ފޯމަލިޓީތައް ނިމުމާއެކު ކަމަށެވެ. އަދި ހުޅުމާލެ ފޭސް 3 ގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ލަފާކުރެވޭއިރު، އޭގެ ފަހުން ދެ ޑްރެޖަރު ވެސް ގިރާވަރަށް ބަދަލުކޮށް، 2 ނުވަތަ 3 މަސް ދުވަހުގެ ތެރޭގައި ގިރާވަރުގެ މަސައްކަތް ނިންމާނެ ކަމަށެވެ.

ހުޅުމާލެ ފޭސް ތިނެއްގެ ބިންހިއްކުމުގެ މަސައްކަތް އަލުން ފަށާފައިވަނީ މިމަހު 10ގަ އެވެ.