މިސްކިތްތަކަށް ގެއްލުންދިނުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ގާނޫނުގައި ވަކީން ކަނޑައަޅަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

އެ ބިލު މަޖިލީހަށް ހުށަހެޅީ ރަައްޔިތުންގެ މަޖިލީހުގެ ގަލޮޅުއުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.

ކުޑޫ ހުށަހެޅުއްވި އެ ބިލުގައި އޮތީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ ށ. ގެ ހަތް ވަނަ ނަންބަރުގެ ފަހަތަށް ނަންބަރެއް އިތުރުކޮށް، "މިސްކިތަށް ގެއްލުން ދިނުން" ހިމެނުމަށެވެ.

އެ ގާނޫނުގެ އެ މާއްދާއަކީ ވަކި މަގުސަދުތަކެއް ހާސިލުކުރުމުގެ ބޭނުމުގައި ހިންގައިފި ނަމަ ޓެރަރިޒަމަށް ވާނެ އަމަލުތަކެކެވެ.

ބިލު ހުށަހެޅުއްވި މަގުސަދުގެ ގޮތުގައި ކުޑޫ ވިދާޅުވެފައި ވަނީ ސައްތައިން ސައްތަ މުސްލިމުން ދިރިއުޅޭ މި ގައުމުގައި މިސްކިތްތަކަށް ގެއްލުންދިނުން އާއްމު ވެފައިވާ ކަމަށާއި އެ ފަދަ އަމަލުތަކަކީ މިސްކިތުގެ ކަރާމަތަށް އުނިކަން ލިބޭ ފަދަ އަމަލުތައް ކަމަށެވެ. އެފަދަ އަމަލުތައް ޓެރަރިޒަމްގެ އަމަލުތަކުގެ ތެރޭގައި ހިމެނުން މުހިއްމު ކަަމަށް ވިދާޅުވިއެވެ.

މިސްކިތްތަކަށް ގެއްލުންދިނުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ގާނޫނުގައި ހިމެނުމަށް އިސްލާހު ހުށަހަޅާފައިވާއިރު މިސްކިތްތަކަށް ގެއްލުންދިނުން މި ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އާންމުވެފައެވެ.