ފަސް ކުދިން ބަލަމުން ދިޔަ އެކަނިވެރި މަޔަކަށް ޒަކާތު ފަންޑުން އެހީނުވި ކަމަށްބުނެ އަންހެނަކު ރޭ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި ފާޅުކުރި ކަންބޮޑުވުންތަކަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ރައްދު ދެއްވައިފިއެވެ.

ވިލިމާލޭ ރައްޔިތުންނާ ރޭ ރައީސް ބައްދަލުކުރެއްވި އިރު، ކަންބޮޑުވުން ފާޅުކުރި އަންހެނަކު ވަނީ އޭނާގެ އެކައުންޓުގައި ފައިސާ ދައުރުވިކަމަށްބުނެ ޒަކާތު ފަންޑުން ފައިސާ ދިނުމަށް ޝަރުތުހަމަނުވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވާ ކަމަށް ބުނެފައެވެ.

އޭނާ ބުނެފައިވާ ގޮތުގައި އޭނާގެ އެކައުންޓުގައި ފައިސާ ދައުރުވެފައިވަނީ އޭނާގެ ބަލި ދަރިފުޅު ގޮވައިގެން އިންޑިއާއަށް ދިއުމަށް އާންމުންގެ ފަރާތުން އެހީތެރިކަން ލިބިފައިވާތީއެވެ. އަދި އޭނާއަށް ވަޒީފާއެއް ލިބުނުތާވެސް އަދި މިވީ ހަތަރު ވަރަކަށް މަސް ކަމަށް އޭނާ ބުނެފައިވެއެވެ.

އޭނާގެ ވާހަކަތަކަށް ރައްދުދެއްވައި ޝަހީމް މިއަދު އޭނާގެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ އެހީއަށް އެދުމުން ޒަކާތު ފަންޑުން އޭނާއަށް 15،500 ރުފިޔާ ދީފައިވާ ކަމަށެވެ. އަދި އެކަނިވެރިމައިންގެ ފައިސާ އާއި އޭނާގެ މުސާރަ އާއެކު އޭނާއަށް މަހަކު 22،000 ރުފިޔާއަށްވުރެ ގިނައިން ލިބޭ ކަމަށެވެ. އެހެންވެ އޭނާ ފަގީރުންގެ ދަފްތަރަށް ނާރާނެ ކަމަށެވެ.

"އަދި އޭނާގެ ބޭންކު އެކައުންޓުގައި 75،000 ރުފިޔާ އެބަހުރި. މި މީހާގެ ވާހަކައާ ގުޅިގެން ބެލި ބެލުމުން މޯލްޑިވްސް ޒަކާތު ހައުސް އިން ދެއްވި މައުލޫމާތުގެ ކުޑަ މިންވަރެއް މި ދެންނެވީ،" މިހާރު ޑިލީޓްކޮށްލާފައިވާ ޝަހީމްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

އެ މީހާގެ ބޭންކު އެކައުންޓުގެ ތަފްސީލް ހޯއްދެވީ ކިހިނެއްކަމެއް ޝަހީމް ހާމައެއް ނުކުރައްވައެވެ.