ރަސްމާލެއިން ފުރަތަމަ ދޫކުރާ 15،000 ގޯތީގެ ތެރެއިން މާލެ ރަށްވެހިންނަށް 10،000 ގޯތި އަދި މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްވީ އަތޮޅުތެރޭގެ މީހުންނަށް 3،000 ގޯތި ދޫކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވަނީ ރަސްމާލެއިން 15،000 ގޯތި ދޫކުރުމަށް "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ދާދި އަވަހަށް ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލާނެކަން އިއުލާންކުރައްވައިފައެވެ. އަދި މިހާރު ހައުސިން މިނިސްޓްރީން ވަނީ އެ ސިޔާސަތުގެ ދަށުން ދޫކުރާ ފްލެޓާއި ގޯއްޗަށް ޖެނުއަރީ މަހު ކުރިމަތިލުމަށް ހުޅުވާލަން ނިންމާފައިވާކަން އިއުލާންކޮށްފައެވެ.

އޭގެ ފަހުން ސަރުކާރަށް ދެ އަހަރުފުރުން ފާހަގަކުރުމަށް މިމަހުގެ 17 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވެފައިވަނީ ރަސްމާލެއިން ދޫކުރުމަށް ހަމަޖެހިފައިވަނީ ޖުމުލަ 25،000 ގޯތި ކަމަށާއި 15،000 ގޯއްޗަކީ ފުރަތަމަ ދޫކުރާ ގޯތިތައް ކަމަށެވެ.

ވިލިމާލެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މުހްޔިއްދީން ސްކޫލުގައި މިރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ރަސްމާލޭގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭނީ 1250 އަކަފޫޓުގެ 15،000 ގޯތި ކަމަށާއި އެ ރަށަކީ ޖުމުލަ 25،000 ގޯތި ހިމެނޭނެ ރަށެއް ކަމަށެވެ.

"15،000 ގޯތީގެ ތެރެއިން އަޅުގަނޑުމެން މި ކަނޑައަޅަނީ އޭގެ ތެރެއިން ބަހާލާފައި ކެޓަގަރީތަކެއް. އޭގެ ތެރެއިން 10،000 ގޯއްޗަކީ މާލެއަށް އުފަން ރަށްވެހިންނާއި މާލޭގެ ރަށްވެހިންނާއި ދަފުތަރާއި ހުރިހާ ކަމެއް ހިމެނޭހެން މާލޭ ރަށްވެހިންގެ ގޮތުގައި ކިޔާ ހުރިހާ ރައްޔިތުން. ދެން 3،000 ގޯތި މި ކަނޑައަޅަނީ މާލޭގައި ގިނަ ދުވަހު ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުން. އެހެންވީމާ 13،000. ދެން އަދި 2،000، ހައުސިން މިނިސްޓްރީން އިއުލާންކޮށްފައި އޮންނާނެ މާލޭގައި ހުރި ގޯތިތައް ލާޖައްސާ އުސޫލުން ދޫކޮށްލާ ފަރާތްތަކާއި މައިމޮޅަ ވެފައިވާ ފަރާތްތައް ހިމެނޭހެން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރަސްމާލޭގެ 1،000 އަކަފޫޓުގެ ބިން ހިއްކައި ނިމެންވާއިރަށް އެ 15،000 ގޯތި ލިބޭ ފަރާތްތައް ސަރުކާރުން އަންނަ އަހަރު ކަނޑައަޅާނެ ކަމަށާއި އެ ގޯތިތަކަށް ވިލިމާލޭގެ ރައްޔިތުންނަށް ވެސް ކުރިމަތިލެވޭނެ ކަމަށެވެ.