ދޮންބަންޑާރައިންގެ ހިކުމަތާއި، ހުޝިޔާރުކަމާއި، މި ވަތަންގެ މައްޗަށް އޮތް ކުލުނު ހާމަވި ތާރީހީ ޙާދިސާއަށް 3 ގަރުނު ވާން ކައިރިވީ އިރުވެސް، އެ ހަނދާންތައް ޝުކުރުވެރިކަމާއެކު މި ފަސްގަނޑުގައި ދިރިދިރި އެބަހުރި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ހުރަވީ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ރައީސްގެ ޕޯސްޓުގައި ވިދާޅުވީ މާލޭގެ އެތައް ތަނެއްގައި ހުޅުޖަހައި، އޭރު ހުންނެވި ރަދުން ރަހީނުކޮށް، ލާއިންސާނީ އެތައް އަނިޔާއެއް ދިވެހީންނަށް ދީ، އަޅުވެތިކަމުގެ ނާމާން ދުވަސްތަކެއް މި ގައުމަށް ގެނައި ހޮޅީންގެ ނުރައްކަލުން ރާއްޖެ މިންޖު ކޮށްދެއްވި ހިތްވަރު ގަދަ ގައުމީ ޖިހާދަށް މިއަދަށް 281 އަހަރުވެއްޖެ ކަމަށެވެ.

ހުރަވީ ދުވަސް ފާހަގަކުރަމުން އަންނަނީ ހިޖުރީގޮތުން 1166 ގެ ސަފަރު މަހުގެ 13 ވަނަ ދުވަހު މަލަބާރީން ނުވަތަ ހޮޅިންގެ ލަޝްކަރެއް ރާއްޖެ އަރައި ތަހުތުގައި އިންނެވި ރަދުން ހައްޔަރުކޮށް އެމީހުންގެ ބާރުގެ ދަށަށް ދިވެހިރާއްޖެ ގެންދިޔަފަހުން އެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްވި ދުވަހުގެ މުނާސަބަތުގައެވެ.

މަލާބާރީންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކުރެއްވީ ދޮންބަންޑާރައިންނެވެ. ހިޖުރައިން 3 ޖުމާދަލްއާޚިރު 1166 މިލާދުން 7 އޭޕްރީލް 1753 ވީ އާދިއްތަ ވިލޭރޭ މެންދަމު މަލާބާރީންގެ ވެރިކަމުގެ މަރުކަޒު ކަމަށް ހެދި ވެޔޮދޮށު ގަނޑުވަރަށް ދޮންބަންޑާރައިން، އެކުވެރީންނާ އެކު ވަދެވަޑައިގެން މަލާބާރީންނާ ހަނގުރާމަ ކުރައްވައި އެމީހުން ބަލި ކުރެއްވިއެވެ.

އެ ދުވަހަށް ހުރަވީ ދުވަހުގެ ނަމުން ނަންދެވިފައިވަނީ މަލާބާރީންގެ އަޅުވެތިކަމުން ދިވެހި ގައުމު ސަލާމަތް ކުރެއްވުމުގައި އިސްވެ ޖިހާދު ކުރެއްވި ގައުމީ ބަތަލު، ދޮންބަންޑާރައިންނަކީ، ހުރަވީ ޚާންދާނުގެ ބޭފުޅަކަށް ވާތީއެވެ.