ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުގެ ވަޒީފާ ލިބޭނެ ފުރުސަތު ފަހިވެގެންދިއުމަކީ އިންސާނީ ކަރާމާތަށް އިސްކަންދިނުމުގެ މަތިވެރި ނިންމުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ "ފަހި ޕްރޮގްރާމް–އެކުއެކީ، ގުޅިގެން" މި ޝިއާރުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ޔަގީންކޮށްދިނުމަށް އެ ކުންފުނިން ކުރިއަށްގެންދާ، ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ސާޖިދާ ވިދާޅުވީ އެއްގޮތްކަމާއެކީގައި ތަފާތުކަން ހުރުމަކީ ދުނިޔޭގެ ތަބީއަތް ކަމަށާއި އިލާހީ ސުންނަތް ކަމަށެވެ. އެއީ ގުދުރަތުން ދުނިޔޭގައި ކަންކަން ލައްވާފައިވާ އުސޫލު ކަމަށާއި މި ތަފާތުތައް ގަސްގަހާގެއްސަށާއި މާމެލާމެއްޔާއި މޭވާއަށް ބެލިކަމުގައި ވިޔަސް ފެންނާނެ ކަމަށެވެ.

20 ނޮވެމްބަރު 2025: ނުކުޅެދުންތެރިކަން ހުންނަ 40 ފަރާތަކަށް އެމްޕީއެލްގެ ވަޒީފާގެ ލިޔުން ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި މެޑަމް ސާޖިދާ މުހައްމަދު ވާކަހަފުޅު ދައްކަވަނީ --- ވަންފޮޓޯ/ ހަމްދާން އަހުމަދު

"އިންސާނުންނަށް ބަލާއިރުވެސް މިކަން އޮތީ ހަމަ މިހެން. އިންސާނުންގެ ތެރޭގައިވެސް އެކި މީހުންގެ ގާބިލުކަން އެކި މީހުންނަށް އެކި ގޮތަށް ހުރޭ. ބައެއް މީހުންނަކީ ވަރަށް ދޫފަސޭހަ ވާހަކަ ދެއްކުންތެރިން. ބައެއް މީހުންނަކީ ކުޅަދާނަ ލިޔުންތެރިން. ބައެއް މީހުންނަކީ ވިޔަފާރީގެ މަސައްކަތްތަކަށް ތޫނު މީހުން. ބައެއް މީހުންނަކީ ކުޅިވަރުގެ ދަނޑުތަކަށް ފަރިތަ ހުނަރުވެރިން. އަނެއްބައި މީހުންނަކީ އިލްމީ ފުން ވިސްނުންތަކަށް އަހުލުވެރި އިލްމުވެރިން. އަދި އަނެއްބައި މީހުންނަކީ ޖސްމާނީ އަދި ނަފްސާނީ ހާލަތްތަކުގައި ބައެއް ތަފާތުތައް ހުންނަ މީހުން،" މެޑަމް ސާޖިދާ ވިދާޅުވިއެވެ.

އެކަމަނާ އިތުރަށް ވިދާޅުވީ ފުންކޮށް ބަލައި ވިސްނައިފިއްޔާ ފެންނަނީ އާންމުކޮށް ނުކުޅެދުންތެރި އުނި ސިފަތަކެއް ހީވާ ބައެއް ސިފަތައް ހުންނަ ބައެއް މީހުން ދުނިޔެއަށާއި އެމީހުންގެ ގައުމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާތަން ކަމަށެވެ. އެމީހުން އާދަޔާ ހިލާފު ގުރުބާނީއެއްކޮށް އެތައް ހިދުމަތެއް ވެފައިވާތަން ފެންނަކަން ފާހަގަކުރައްވަމުން ސާޖިދާ ވިދާޅުވީ ވަރަށް ބޮޑެތި މަންފާތައް އެފަދަ މީހުންނަށް މުޅި އިންސާނިއްޔަތަށް ފޯރުވައިދީފައިވާ ތަން ފެންނަމުންގެންދާ ކަމަށެވެ.

20 ނޮވެމްބަރު 2025: ނުކުޅެދުންތެރިކަން ހުންނަ 40 ފަރާތަކަށް އެމްޕީއެލްގެ ވަޒީފާގެ ލިޔުން ދިނުމަށް ބޭއްވި ރަސްމިއްޔާތު --- ވަންފޮޓޯ/ ހަމްދާން އަހުމަދު

"އަޅުގަނޑުމެންވާންވީ އެެހެން މީހުންގެ ރިހުންތަކާއި ވޭންތަކާއި ދަތިތަކަށް އިހުތިރާމުކުރާ ބަޔަކަށް. އެހެން މީހުންގެ ހާލަތް އިސްކަންދޭ ބަޔަކަށް. އިންސާނިއްޔަތުގެ މާތްސިފަތައް މުޅި މުޖުތަމައުގައި އަށަގަތުމަކީ ތަހުޒީބު ގައުމެއްގެ ހެއްކެއް. އަމާޒަށް ވާސިލުވުމަށްޓަކައި އަޅުގަނޑުމެންނަކީ އުންމީދީ ހެޔޮ ވިސްނުމަކުން ކަންކަމާ މެދު ވިސްނާ ބަޔަކަށްވުން ވަރަށް މުހިންމު،" މެޑަމް ސާޖިދާ ވިދާޅުވިއެވެ.

މިފަދަ ޕްރޮގްރާމްތަކުން ފަހިވެގެންދާ ވަޒީފާގެ ފުރުސަތުތަކުން އިންސާނީ ކަރާމަތް ހިމާޔަތްކުރުމަށް އިސްކަންދެވި، ހުރިހާ ދިވެހިންނަކީ ހަމަހަމަ ބައެއްކަން އަމަލީގޮތުން ސާބިތުވެގެންދާ ކަމަށެވެ. އަދި، މިއީ އެތައް ދިވެހި ރައްޔިތުންގެ ހިތްދަތި އިހުސާސްތަކާއި ވޭންތަކަށް ދެވުނު ފަރުވާއެއް ކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ކޮންމެ މީހަކީވެސް ކޮންމެވެސް ކަހަލަ ސިއްހީ ފަރުވާއަކަށް ފަރުވާކުރާނެ މީހެެއްކަމަށްވުމުން އެއްވެސް މީހަކީ އެންމެ ފުރިހަމަކަން އެއްވެސް ގޮތަކަށް ލިބިގެންވާނެ މީހެއް ނޫން ކަމަށްވެސް މެޑަމް ވިދާޅުވިއެވެ.

ސާޖިދާ އިތުރަށް ވިދާޅުވީ ކޮންމެ މީހަކުވެސް ވާންވީ އެެހެން މީހުންގެ ރިހުންތަކާއި ވޭންތަކާއި ދަތިތަކަށް އިހުތިރާމު ކުރާ ބަޔަކަށް ކަމަށާއި އެހެން މީހުންގެ ހާލަތަށް އިސްކަންދޭ ބަޔަކަށް ކަމަށެވެ. އަދި އިންސާއްނިޔަތުގެ މާތް ސިފަތައް މުޅި މުޖުތަމައުގައި އަށަގަތުމަކީ ތަހުޒީބު ގައުމެއްގެ ހެއްކެއް ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.