އަންނަ 2026 އަހަރުވެސް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހަޅަން ނުޖެހޭނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓް ބަހުސްގައި މެންބަރުން ފާހަގަކުރެއްވި ކަންތައްތަކަށް ޖަވާބުދެއްވުމުގެ ގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަހަކަދައްކަވަމުންނެވެ.

މިއަހަރާ ހަމައަށް ކޮންމެ އަހަރަކު ދައުލަތުން އައީ ސަޕްލިމެންޓްރީ ބަޖެޓެއް މަޖިލީހަށް ހުށަހަޅައި ފާސްކުރަމުންކަން ފާހަގަކުރައްވައި، ޒަމީރު ވިދާޅުވީ މިއަހަރުގެ ތެރޭގައި ވެސް ސަރުކާރުން ކަނޑައަޅާފައިވާ ޓާގެޓާ އެއްގޮތަށް ހަރަދުތައް ބަހައްޓާނެ ކަމަށެވެ.

ޒަމީރު ވިދާޅުވީ އަންނަ އަހަރަކީ ރާއްޖޭގެ ތާރީހުގައިވެސް އެންމެ އުނދަގޫ ދަރަންޏެއް ދައްކަންޖެހޭ އަހަރު ކަމަށެވެ. ނަމަވެސް ސަރުކާރުން ބަޖެޓް ހުށަހަޅާފައިވަނީ އެ ކަންކަމަށް ރިއާޔަތްކޮށް، ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތަކަށް އެއްވެސް ހުރަހެއް ނޯންނާނެގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މާލީ ވުޒާރާގެ އިކޮނޮމިސްޓުންނާއި އެމްއެމްއޭއިންވެސް ލަފާ ކުރާ ގޮތުގައި އަންނަ އަހަރުގެ ބަޖެޓަކީ ދެމެހެއްޓެނިވި ބަޖެޓެއް ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރުގައި ޓެކްސް ބޮޑުނުކޮށް އާމްދަނީ އިތުރުކުރުމަށް ތަފާތު އެކި ކަންކަން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ކުރީ ސަރުކާރުން ދެމެހެއްޓެނިވިގޮތެއްގައި ދަރަނި ދެއްކޭނެ ނިޒާމެއް ގާއިމުކޮށްފައި ނެތުމުން އެކަމުގެ ކަންބޮޑުވުން ރައްޔިތުން ފާޅުކޮށްފައިވާ އިރު، މި ސަރުކާރުން ދަރަނި ދައްކަމުންދާނީ ދެމެހެއްޓެނިވިގޮތެއްގައި ކަމަށްވެސް ޒަމީރު ވިދާޅުވިއެވެ.