ކަނޑައަޅާފައިވާ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް އެއްވެސްކަމެއް ސަރުކާރުން ނުކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޒަމީރު މިހެން ވިދާޅުވީ، އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓް ބަހުސްގައި މެންބަރުން ދެއްކެވި ވާހަތަކަށް ޖަވާބުދެއްވުންނެވެ.
ބިޑުކުރުމެއް ނެތި ސަރުކާރުން 2.7 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓްތައް އަމިއްލަ ކުންފުނިތަކަކާ ހަވާލުކުރި މައްސަލައިގައި އިދިކޮޅު އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގައި ވާހަކަދެއްކެވި އެމްޑީޕީ މެންބަރުންވެސް ވަނީ އެކަން ފާހަގަކުރައްވައިފައެވެ.
އެހެންކަމުން އެ މައްސަލަ ބަލައިދިނުމަށް އެދި އެމްޑީޕީން ވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ހުށަހަޅައިފައެވެ.
އެ މައްސަަލަ ބަލައިދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފަށް އެމްޑީޕީން ފޮނުއްވި ސިޓީގައި ބުނެފައިވަނީ، ހާމަ ކަމެއް ނެތި އަދި ވާދަވެރި ބީލަމަށް ނުގޮސް ކެބިނެޓުން ބޭނުންވާ ކުންފުނިތަކަކަށް ޕްރޮޖެކްޓްތައް ދިނުމަކީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުން ކަމަށެވެ. އަދި އެއީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ތިމާއަށް ނުވަތަ އެހެން މީހަކަށް މަންފާއެއް ހޯދައިދިނުމުގެ އަމަލުތަކެއް ކަމަށްވެސް ބުނެފައިވެއެވެ. އެހެންވެ، އެއީ ކޮރަޕްޝަންގެ އެ އަމަލުތަކެއްކަން ފާހަގަކޮށް އެކަންތައް ބަލައި، ފިޔަވަޅު އެޅުމަށް އެ ސިޓީގައި ވަނީ އެދިފައެވެ.
ފިނޭންސް މިނިސްޓަރު ޒަމީރު މަޖިލީހުގައި މިއަދު ވިދާޅުވީ ސަރުކާރުން ކަންކަން ކުރަމުންދަނީ އަބަދުވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވާފައި އޮންނަގޮތަށް، ގާނޫނާއި ގަވާއިދާ ހިލާފުނުވެ ކަމަށެވެ.
އެގޮތުން ކަންކަން ކުރަމުން ދަނީ ބަންޑާރަނައިބާއި އޮޑިޓާ ޖެނެރަލްގެ ލަފާގެމަތިން، ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތްތަކަށް ކަމަށްވެސް ވިދާޅުވިއެވެ.
އެކި ރަށްރަށުގައި ޕްރޮޖެކްޓުތައް ހިންގަން މި މަހުގެ ހަ ވަނަ ދުވަހު ސަރުކާރުން ވަނީ 53 ކުންފުންޏަކާއެކު އެގްރިމެންޓުތަކެއްގައި ސޮއިކޮށްފައެވެ. އެ ދުވަހު 206 ޕްރޮޖެކްޓު ހިންގަން ހަވާލުކުރި ކުންފުނިތަކުގެ ތެރޭގައި ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ ބޭފުޅުންގެ ކުންފުނިތައް ވެސް ހިމެނެއެވެ.
މި ސަރުކާރު ވެރިކަމަށް އައިއިރު އޮތީ ޒަމާނީ ޕަބްލިކް ފައިނޭންސް ނިޒާމެއް ހިންގުމަށް ކަމާބެހޭ ހުރިހާ އިދާރާތަކުގެ މަޝްވަރާއާއެކު އެކުލަވާލާފައި އޮތް މާލިއްޔަތު ގަވާއިދެއްކަމަށް، އެމްޑީޕީން ޕީޖީއަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ. ނަމަވެސް ކޮރަޕްޝަން ހިންގުމަށް ޖާގަ ހޯދުމަށް އެ ގަވާއިދަށް ބަދަލު ގެނެސްފައިވާ ކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ.
އެމްޑީޕީގެ ސިޓީގައި ވަނީ މާލިއްޔަތު ގަވާއިދަށް ގެނައި ބަދަލުތަކުން ކެބިނެޓުން ނުވަތަ ކެބިނެޓްގެ ކޮމިޓީއަކުން ކަނޑައަޅާ ކޮންމެ މަޝްރޫއަކީ އެ ކޮމިޓީން ބޭނުންވާ ކޮންމެ ފަރާތަކަށް ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުސޫލުން ހަވާލު ކުރެވޭނެ މަޝްރޫއެއް ކަމަށެވެ.
އިބްރާހިމް ޒަކީ
ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު