އަންނަ އަހަރު މުޅި ސިއްހީ ދާއިރާ ޑިޖިޓަލައިޒް ކުރެވޭނެ ކަމަށާއި އެވާހަކަ ވެގެންދާނީ އަންނަ އަހަރުގެ އެންމެ ނަތީޖާ ރަނގަޅު އެއް ވާހަކައަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މި ސަރުކާރުގެ "ހަފުތާ 104" ފާހަގަކުރުމަށް ޒުވާނުންގެ މަރުކަޒުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މޯލްޑިވްސް 2.0 ގެ ދަށުން މުޅި ގަވަނަންސް ނިޒާމު އެއްކޮށް ޑިޖިޓަލައިޒް ކުރުމަކީ އަންނަ އަހަރުގެ އެންމެ މުހިންމު އެއް މަސައްކަތަށް ވާނެ ކަމަށެވެ.

އަންނަ އަހަރުގެ އެންމެ ބޮޑު ވާހަކައަކަށް އަދި އެންމެ ނަތީޖާ ރަނގަޅު އެއް ވާހަކައަކަށް ވާނީ ގަވަނަންސް ނިޒާމު ޑިޖިޓަލައިޒްކުރުމުގެ ވާހަކަ ކަމަށާއި މިހާރު ބައެއް އޮފީސްތަކުން އެ މަސައްކަތް ފަށާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސިއްހީ ދާއިރާ އެއްކޮށް ޑިޖިޓަލައިޒް ވެގެން ދިއުމަކީ ހުރިހާ ރައްޔިތުންނަށް އޭގެ ފައިދާ ލިބިގެންދާނެ ކަމަކަށް ކަމަށާއި އެއީ އަންނަ އަހަރަށް ޕްލޭންކޮށްފައި އޮތް އެންމެ މުހިންމު އެއް ކަންތައް ކަމަށެވެ. އެކަމުން ކޮރަޕްޝަންގެ އަމަލަށް ބޮޑު ހުރަހަކަށް ވެގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ކޮރަޕްޝަންގެ ދޮރުތައް ބަންދުކުރުމަށް ގަވަނަންސް ނިޒާމު ޑިޖިޓަލައިޒް ކުރަން ޖެހޭނެ ކަމަށާއި ދެފުށް ފެންނަ ނިޒާމެއް އެކަމުން ގެނެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.