އައްޑޫ ސިޓީ ހިތަދޫގައި އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަންއަކާއި ނެޓްވޯކް ފެސިލިޓީއެއް ގާއިމުކުރަން ގޫގުލްއިން ނިންމައިފިއެވެ.

އެކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެމެރިކާގެ ނިއުޔޯކް ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނާއި ގޫގުލްގެ އެގްޒެކެޓިވްސްއާ ދެމެދު ބޭއްވުނު މަޝްވަރާތަކަށްފަހު ކުރިއަށް ގެންދިއުމަށް ނިންމި މި ތާރީހީ މަޝްރޫއަކީ، ދުނިޔޭގައި ކުރިއަރަމުންދާ ޓެކްނޮޮލޮޖީ އާއި އިނޮވޭޝަންގެ ދާއިރާގައި ރާއްޖޭގެ ދައުރު އިތުރަށް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

އައްޑޫ ސިޓީގެ ހިތަދޫގައި ގާއިމުކުރެވޭ މި ފެސިލިޓީ ވެގެންދާނީ ބައިނަލްއަގުވާމި ސަބްމެރިން ކޭބަލްތައް ލޭންޑް ކުރުމުގެ ގާބިލުކަން ލިބިފައިވާ ފެސިލިޓީއަކަށް ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން، ރާއްޖެ ވެގެންދާނީ އޭޝިއާ, އޯޝޭނިއާ, އެފްރިކާ, މެދުއިރުމަތި، އަދި ޔޫރަޕު ގުޅުވައިދޭ އިތުބާރު ހުރި ޑިޖިޓަލް ގޭޓްވޭއެއްގެ ގޮތުގައި ކަމަށެވެ.

"މިއީ، އިންޑިއާ ކަނޑުގައި ގާއިމުވެގެންދާ ޑިޖިޓަލް ކަނެކްޓިވިޓީ ކޮރިޑޯގައި ރާއްޖެ މައި ހަބެއްގެ ގޮތުގައި ގާއިމްވުމަށް ލިބިގެންދާ ފުރުސަތެކެވެ. މާލޭގެ އިތުރުން ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ ކަނެކްޓިވިޓީ ޕޮއިންޓާއި އައްޑޫ ސިޓީ ހިތަދޫގައި ގާއިމްކުރެވޭ މި އިންޓަނޭޝަނަލް ކަނެކްޓިވިޓީ ޕޮއިންޓްތަކާއެކު، ރާއްޖޭގެ އިގްތިސޯދީ ތަރައްގީއަށް މަގުފަހިވެ، ސަރަހައްދީ މުވާސަލާތީ މަރުކަޒެއްގެ ގޮތުގައި ރާއްޖެ ވެގެންދާނެއެވެ،" އިކޮނޮމިކް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ މިނިސްޓްރީން އިތުރަށް ބުނީ ގޫގުލްގެ މި އިންވެސްޓްމަންޓުގެ ސަބަބުން ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓް ކުރުމަށް ޝައުގުވެރިވާ މިންވަރު އިތުރަށް ހާމަވެގެންދާ ކަމަށެވެ. އަދި ކްލައުޑް ސާވިސަސް، ފިންޓެކް، ޑިޖިޓަލް ކޮންޓެންޓް، އަދި ޓެކްނޮލޮޖީ ސްޓާރޓް-އަޕްސް ފަދަ ދާއިރާތައް ރާއްޖޭގައި އިތުރަށް ތަރައްގީ ކުރުމުގެ ފުރުސަތު އޮތް މިންވަރު ދައްކުވައިދޭ ކަމަށެވެ. އަދި މި މަޝްރޫއަކީ ފަތުރުވެރިކަމުގެ އިތުރުން ރާއްޖޭގެ އިގުތިސޯދު ސިންދަފާތުކޮށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރާނެ މަޝްރޫއެއް ކަމަށެވެ.

މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދިރާގާއި އުރީދޫގެ ބައިވެރިވުމާއެކުގައެވެ.

މި އިންވެސްޓްމަންޓަކީ ރައީސްގެ ގައުމީ ތަރައްގީގެ އެޖެންޑާއާ އެއްގޮތްވާ ގޮތުގެމަތިން، ޑިޖިޓަލް އިންގިލާބީ ބަދަލުތައް ގެނުވައި، އުމްރާނީ ތަރައްގީއަށް މަގުފަހިވެގެންދާނެ އިންވެސްޓްމަންޓެއް ކަމަށާއި އަދި އިންޑިއާގެ ކަނޑުގެ ސަރަހައްދުގައި ޑިޖިޓަލް ކަނެކްޓިވިޓީ ހަރުދަނާ ކުރުމަށާއި ޑިޖިޓަލް ކަނެކްޓިވިޓީގެ ވިލުންވެރިކަން އިތުރުކޮށްދިނުމުގައި ރާއްޖޭގެ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެކަމާ ގުޅޭގޮތުން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގޫގުލްއިން ރާއްޖޭގައި އިންވެސްޓްކުރުމަށް ނިންމި ނިންމުމަކީ ރާއްޖެއަކީ ހަމަޖެހޭ އަދި އިންވެސްޓަރުންނަށް ހިތްހަމަޖެހޭ މާހައުލެއްގެ ގޮތުގައި ދުނިޔޭން ގަބޫލުކުރާކަމުގެ ވަރުގަދަ ހެއްކެއް ކަމަށެވެ.

"މި ތާރީހީ މަޝްރޫއަކީ، އަޅުގަނޑުގެ ދުރުވިސްނުމުގައިވާ، ހުރިހާ އެންމެންގެ ބައިވެރިވުން ހިމެނޭ އަދި ޑިޖިޓަލްކޮށް ބާރުވެރިކުރެވިފައިވާ ދިވެހި އިގްތިސޯދެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތެއް ކަމަށެވެ." ރައީސް ވިދާޅުވިއެވެ.

އަދި މިއީ، ރާއްޖެއަކީ ސަރަހައްދީ ޑިޖިޓަލް ހަބެއްގެ ގޮތުގައި ބަދަލުކޮށް، ސަރަޙައްދުގެ ހަރުދަނާކަމާއި ގުޅުން ބަދަހިކުރާނެ މަޝްރޫއެއް ކަމަށާއި އަދި ދުނިޔޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާގެ މުސްތަގްބަލު ބައްޓަންކުރުމުގައި ހީވާގި އަދި ނަތީޖާ ނެރެވޭ ދައުރެއް އަދާކުރުމަށް ރާއްޖެ ތައްޔާރުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.