މިދިޔަ ނުވަ ދުވަހުގެ ތެރޭ ބިލުތަކަށް ޖުމުލަ 444.3 މިލިއަން ރުފިޔާ ދައްކާފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އާޓިފިޝަލް ބީޗުގައި ޕީއެންސީން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް އެހެން ވިދާޅުވެފައިވާ އިރު، ކުރީ ސަރުކާރުން އަމިއްލަ ގިނަ ކުންފުނިތަކަށް ދައްކަންޖެހޭ އެތައް ބިލަކަށް ފައިސާ ނުދައްކައި ހުރިކަން ތަކުރާރުކޮށް ވަނީ ފާހަގަކުރައްވައިފައެވެ.

ރައީސް ވިދާޅުވީ ހުރިހާ ކަމެއް ކުރަމުންދާ އިރު، އިގުތިސާދު ވެސް ހަރުދަނާކުރަމުންދާ ކަމަށާއި މިދިޔަ ސަރުކާރުން ނުދީ، ފުނި ޖައްސާފައި ހުރި ބިލުތައް ވެސް ދައްކަމުންދާ ކަމަށެވެ. އަދި އެ މަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ފަސް ހަފުތާވީ އިރު، ބިލުތައް ދައްކަން ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.

"ފަސް ހަފުތާވީ މިމަހުގެ ކުރީކޮޅަށް. ފަސް ހަފުތާ ވީތަނާ ފެށީ ބިލުތައް ދައްކަން، ފެށިގޮތަށް މިއަދާ ހަމައަށް އައި އިރުގައި، ތަފާތު 1040 ފަރާތަކަށް ކުރީގައި ކޮށްފައި ހުރި މަސައްކަތަށް ފައިސާ ދެވިއްޖެ. އެއީ ޖުމުލަ 444.3 މިލިއަން ރުފިޔާގެ ޕެންޑިން ބިލްސްތަކަށް އަޅުގަނޑުމެން ފައިސާ ދައްކައިދީފިން މިދިޔަ ކުޑަ ދުވަސްކޮޅުގެ ތެރޭގައި. އެއީ މިމަހުގެ 6 އިން ފެށިގެން މިއަދާ ހަމައަށް ވީ ވަރު މިއީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވައުދުވީގޮތަށް ބިލުތަކަށް ފައިސާ ދައްކައި ނިމެންދެން އެ ފަރާތްތަކަށް ފައިސާ ދެއްކުމުގެ ކަންކަން ކުރިއަށްގެންދަވާނެ ކަމަށާއި އެއީ މިދިޔަ ސަރުކާރުން އެކި މަސައްކަތްކުރުވާފައި، އޮޅުވާލާފައި، އެކި ފަރާތްތަކަށް ދެރަދީފައި ހުރި ބިލުތައް ކަމަށެވެ.

"އެހެންވީމާ ހުރިހާ އެންމެންނަށް ދޭންވާ ފައިސާދީ، ހުރިހާ ކަމެއް މި ނިންމަނީ ފައިސާ ޗާޕުނުކޮށް. އަޅުގަނޑުމެން ފައިސާ ޗާޕެއް ނުކުރާނަން. އަޅުގަނޑުމެން ބޭނުމެއް ނޫން ފައިސާ ޗާޕުކުރާކަށް،" އެ މަނިކުފާނު ވިދާޅުވިއެވެ.