އަންނަ ރަމަޟާން މަހު ވެސް ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ލިބޭނެ ކަމަށާއި ޑޮމެސްޓިކް ރޭޓުގައި ކަރަންޓު ބިލަށް ނަގާނީ ގިނަވެގެން 400 ރުފިޔާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީން އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިދިޔަ ރޯދަމަސް ގޮތަށް ދެން އަންނަ ރޯދަމަހުވެސް ރައްޔިތުންނަށް ސަރުކާރުގެ ފަރާތުން ހަދިޔާތަކެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

"މިދިޔަ އަހަރެކޭ އެއްގޮތަށް މަސްދަޅު ކޭސް ލިބޭނެ. ޑޮމެސްޓިކް ރޭޓުން ބިލް ކުރާ ކޮންމެ ގެއަކަށް ކުރިއަށް އޮތް ރަމަޟާން މަހުގެ ކަރަންޓު ބިލަށް ނަގާނީ އެންމެ ގިނަވެގެން 400 ރުފިޔާ، ބާކީ ބަޔަކީ ޑިސްކައުންޓް" ރައީސް ވިދާޅުވިއެވެ.

މިދިޔަ ރޯދަމަހު ސަރުކާރުން ވަނީ 111،231 މަސްދަޅު ކޭސް ބަހައިފައެވެ. އެއީ މާލޭގެ ގޭބިސީތަކަށް 50،519 މަސްދަޅު ކޭހާއި އަދި އަތޮޅުތަކުގެ ގޭބިސީތަކަށް 60،712 މަސްދަޅު ކޭހެވެ.

މިދިޔަ ރޯދަމަހުވެސް ސަރުކާރުން ވަނީ ކަރަންޓު ބިލުން ޑިސްކައުންޓު ދީފައެވެ.