ސިޔާސީ ވެރިންނަށް ހެދި ޖަލު ގޮޅިތަކަށް ހުރީ ހުސްކޮށް ކަމަށާއި އެތަނަށް ލާނެ މީހަކު މިހާރު ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީން މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނު ވެވަޑައިގެންނެވި އެންމެ މުހިންމު ވައުދުތަކުގެ ތެރެއިން އެއް ވައުދަކީ ރާއްޖޭގައި ހަމަޖެހުން ގާއިމުކުރުން ކަމަށެވެ. ރައީސް ވިދާޅުވީ މި ސަރުކާރުން ސިޔާސީ ވިސްނުމުގައި އެއްވެސް މީހަކު ހައްޔަރުނުކުރާނެކަމަށް އެ މަނިކުފާނު ވިދާޅުވެފައިވާނެ ކަމަށާއި މިހާތަނަށް އައިއިރުވެސް ސިޔާސީ ބޭނުމަކަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ކުރިއަށްއޮތްތަނުގަވެސް ސިޔާސީ ބޭނުމަކަށް މީހުން ހައްޔަރުނުކުރާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ކުރީގަ ހަދާފަހުރި ސިޔާސީ ވެރިން ލާންވެގެން ޖަލުގަ ހަދާފަހުރި ގޮޅިތަށް މިހާރު ހުންނަނީ ހުހަށް. އެތަނަށް ލާނެ މީހަކު ނެތް މިހާރު. ދެން ކަރެކްޝަންސްއިން އެތަންތަން މުވައްޒަފުން ލައްވާ ސާފުކޮށް ފޮޅާ ސާފުކޮށް ބަލަހައްޓާ އެބަ. ދެން އަޅުގަނޑަކަށް ނެތް އެތަނަށް ލާނެ މީހަކު ފޮނުވޭކަށް އެއީ އަޅުގަނޑު ސިޔާސީ ގޮތުން ބަދަލު ނުހިފާތީ" ރައީސް ވިދާޅުވިއެވެ.
ސިޔާސީ ވިސްނުމެއްގައި ކޮންމެ މީހަކު ކޮންމެ ވާހަކައެއް ދެއްކިޔަސް ކަންބޮޑުނުވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ސިޔާސީ ބޭނުމުގައި ކޮންމެކަމެއް ކުރިޔަސް ކަންބޮޑުވުމެއްނެތްކަމަށް ރައީސް ވިދާޅުވިއެވެ. މި ސަރުކާރުން ސިޔާސީ ގޮތުން އެއްވެސް ބަދަލެއް ނުހިފާނެކަމަށް ރައީސް ވިދާޅުވިއެވެ.
ނަމަވެސް މީގެކުރީގެ ސަރުކާރުތަކަށް އަހަރެއް ނޫނީ ދެއަހަރެއްވާއިރު ސިޔާސީ މީހުން ތިބެނީ ޖަލުގައި ބަންދުކޮށްފައިކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި ހަގީގީ މާނައިގައި ހަމަޖެހުން ގާއިމުކުރުމަށް ސިޔާސީ ގޮތުން މީހުން ހައްޔަރުކުރުން ހުއްޓާލަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު