މަސްތުވާތަކެއްޗާ ގުޅޭ ބިލު ފާސްކުރާނީ، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް އިސްލާމްދީނުގައި އޮތް އެންމެ ހަރުކަށި އަދަބު ހިމަނައިގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީން މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި ގައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމަކީ އެ މަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންނެވި މުހިންމު ވައުދެއް ކަމަށެވެ. އެގޮތުން މަސްތުވާތަކެތީގެ މައްސަލައަކީ އޭގެ ތެރެއިން އެއް މައްސަލަކަމަށް ރައީސް ވިދާޅުވިއެވެ.
"މިހާރު މަޖިލީހަށް އަޅުގަނޑުމެން ފޮނުވާފައިވާ އިސްލާހު މަސްތުވާތަކެތީގެ ގާނޫނަށް އިސްލާހު ކުރުމަށް ހުށަހަޅާފައިވާ ބިލު އިސްލާހުވެގެން ނުކުންނައިރުގަ، ޑްރަގު އެތެރެކޮށް ވިޔަފާރިކުރާ މީހުންނަށް އިސްލާމްދީނުގަ އޮންނަ އެންމެ މަތީ އަދަބު ދިނުމަށް ކަނޑައަޅާފަ ފާސްކުރާނެ އިރާދަކުރެއްވިއްޔާ އަޅުގަނޑު ދަންނަވާލަން" ރައީސް ވިދާޅުވިއެވެ.
އިއްޔެގަ ފުލުހުން ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން 500 ފުލުހުން ބައިވެރިވެގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ 100 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިކަމަށް ރައީސް ވިދާޅުވިއެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް ކުރިއަށްގެންދާ އެފަދަ އޮޕަރޭޝަންތައް ހުއްޓާނުލާނެކަމަށް ރައީސް ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން ކުދިކުދި އިޖުރާއީ ކަންކަމާހެދި ދޫވެގެން ދިޔުމަކީ ރައްޔިތުން ބޭނުންވާ ގޮތެއްނޫން ކަމަށް ރައީސް ވިދާޅުވިއެވެ. މަސްތުވާތަކެތީގެ ވިޔަފާރިވެރިންގެ މައްސަލަ އަދުލުވެރި ޝަރީއަތަކުން ބަލާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެއްވެސް ނުފޫޒެއްގައި ނުޖެހި މަސްތުވާތަކެތީގެ ވިޔަފާރިވެރިންގެ މައްސަލަތައްް ކުރިއަށް ގެންދާނަމަ އަދި ސަރުކާރުން ކުރާ މަސައްކަތުންނާއެކު މަސްތުވާތަކެތީގެ ވަބާ މި ރާއްޖެއިން ނައްތާލެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު