ވިޔަފާރީ އުސޫލުން ރާއްޖޭގައި ފުރަތަމަ ފަހަރަށް އާލާކުރި މޫދު ވިނަ، ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރުމަށް ތައްޔާރުވެއްޖެއެވެ.
މޫދު ވިނަ އާލާކުރުމުގެ މަޝްރޫއު ފެށީ މިދިޔަ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު، ބ. ފެހެންދޫގައެވެ. އެ މަޝްރޫއު ފެށީ ފްލޯޓިން އޭކާސް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ. އެ ކުންފުނިން ފެށި މަޝްރޫއުގެ ދަށުން އާލާކުރި މޫދު ވިނައިގެ ފުރަތަމަ ސްޓޮކް ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ.
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ ފްލޯޓިން އޭކާސް ކުންފުނިން މޫދު ވިނަ އާލާކުރުމުގެ މަޝްރޫއުގެ ކާމިޔާބީ ފާހަގަކުރައްވައި، ތަހުނިޔާ ވިދާޅުވެފައެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުން ނަފާ ހޯދުމަށް ކުރާ މަސައްކަތުގައި ކުރިއަށް އޮތްތަނުގައިވެސް ކާމިޔާބީއަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ވިޔަފާރި އުސޫލުން މޫދު ވިނަ އާލާކުރުމަކީ އިގްތިސާދު ސިންދަފާތުކޮށް، ނޫ އިގްތިސާދު ކުރިއެރުވުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ތަސައްވުރު ހަގީގަތަކަށްވަމުން އަންނަކަން ދައްކައިދޭ ކާމިޔާބީއެއް ކަމަށެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުގައި 2023 ވަނަ އަހަރު ދުނިޔޭގެ މޫދުވިނައިގެ މާކެޓް ވެލިއު 17.14 ބިލިއަން ޑޮލަރުގައި ހުރިއިރު 2032 ވަނަ އަހަރަށް އަންނައިރު މި އަދަދު ދެ ގުނަ ވާނެއެވެ.
އަލީ ޔާމިން
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް