މާލެ ސަރަހައްދުގައި 3000 ހައުސިން ޔުނިޓު ހެދުމަށް މިއަހަރުގެ ތެރޭގައި ހުޅުވާލާނެ ކަމަށާއި ޖުމުލަ 7000 ހައުސިން ޔުނިޓު ހެދުމަށް ކަންކަން ހަމަޖެހިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް މިއަހަރު ތެރޭގައި މަޝްރޫއުތަކެއްގެ މަސައްކަތް ފަށާނެ ކަމަށެވެ. އެގޮތުން ބައެއް މަޝްރޫއުތަކުގެ މަސައްކަތުގެ އިދާރީ ކަންކަން ކުރަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.

"ޖުމްލަކޮށް ހައުސިން ޔުނިޓަށް ބަލާނަމަ ހަމަ މާލޭގެ މިއަހަރުގެ ތެރޭގައި އަޅުގަނޑުމެން މި މަސައްކަތް ކުރަނީ، ބާކީ މިއޮތް ދޮޅުމަހެއްގެ ތެރޭގައި 3،000 ހައުސިން ޔުނިޓުގެ އެގްރީމެންޓަގައި ކަމާބެހޭ އުސޫލުގެ ތެރެއިން ސޮއިކުރެވި މަސައްކަތް ހަވާލުކުރަން" ރައީސް ވިދާޅުވިއެވެ.

އިންޑިއާގެ ލައިން އޮފް ކްރެޑިޓުގެ ދަށުން 400 ހައުސިން ޔުނިޓެއްގެ މަސައްކަތްވަނީ ހަމަޖެހިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެހެން ބައެއް ގައުމުތަކުގެ އެހީތެރިކަން ލިބިގެންވެސް ކުރިއަށްގެންދާނެ ހައުސިން މަޝްރޫއުތަކެއް އެބަހުރިކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންވީމާ ކުރުގޮތަކަށް ދަންނަވަންޏާ މާލެ ސަރަހައްދުގަވެސް އަމަލީ ގޮތުން، ރިއަލިސްޓަކީ ހަމަ މާގިނަ ދުވަހެއް ނެތި އަަމަލީ މަސައްކަތް ފެށޭނެ. ގާތްގަނޑަކަށް 7،000 އަށްވުރެ ގިނަ ހައުސިން ޔުނިޓުގެ މަސައްކަތް އެވަނީ ތަރުތީބު ކުރެވިފަ" ރައީސް ވިދާޅުވިއެވެ.

މާލޭ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ބިން ހިއްކުމުގެ ހުރިހާ މަސައްކަތެއް މިހާރުވަނީ ހަމަޖެހިފައިކަމަށް ރައީސް ވިދާޅުވިއެވެ.

ހުޅުމާލޭ ފޭސް ތިނެއްގެ ބާކީ ސަރަހައްދު ހިއްކުމުގެ މަސައްކަތް އިއްޔެ ފަށައިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އިއްޔެވަނީ ގިރާވަރުފަޅުގެ ބާކީ އޮތް ބައި ހިއްކުމަށް އެގްރީމެންޓު ކޮށްފައިކަމަށް ރައީސް ވިދާޅުވިއެވެ. ގިރާވަރު ހިއްކުމަށް ބޭނުންވާ ޑްރެޖަރު މި މަސް ތެރޭގައި އެ ސަރަހައްދަށް ގޮސް ބިން ހިއްކުމުގެ މަސައްކަތް ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވަނީ ގޯތި ލިބިފައިވާ މީހުންގެ ގޯތި އަތުނުލައި އެ ގޯތިތައް ލިބިފައިވާ ތަނަކުން ގޯތި ދޭނެކަމަށް ވައުދުވެވަޑައިގެންފައިކަމަށް ވިދާޅުވިއެވެ. ނަމަވެސް އެ ގޯތިތައް ދީފައިވަނީ ކަނޑުން ކަމަށްވާތީ ގޯތި ދެވޭނީ ބިން ހިއްކުމުގެ ކަންކަން ނިމުމުންކަމަށް ރައީސް ވިދާޅުވިއެވެ. މިހާރު ވަނީ ބިން ހިއްކުމުގެ މަސައްކަތްތައް ފެށިފައިކަން ރައީސް ތަކުރާރު ކުރެއްވިއެވެ.

ރައީސް ވިދާޅުވީ މިއަހަރުގެ ތެރޭގައި އުތުރުތިލަފަޅުގެ މަސައްކަތްވެސް ފަށާނެ ކަމަށެވެ. ރަސްމާލޭގެ ތިން ސަރަހައްދަކުން ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާއިރު ބައެއް ސަރަހައްދުތަކުގެ ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. ދެން ހުރި ސަރަހައްދުތައް ހިއްކުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތް ތިން ގުނައަށް މިއަންނަ މަހު އަވަސްވެގެންދާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ސަބަބަކީ އިތުރު ޑްރެޖަރުތައް ގެނައުމަށް ފައިސާ ދައްކައި އެގްރީމެންޓު ހަދާފައިވުންކަމަށް ރައީސް ވިދާޅުވިއެވެ.

އެތަންތަން ހިއްކަނީ މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމަށް ހައްލެއް ގެނެސް ދިނުމަށްޓަކައިކަމަށް ރައީސް ވިދާޅުވިއެވެ

"އެހެންވީމާ ބިން ހިއްކުން ބާރަށް ކުރިއަށްދާތީވެ އަޅުގަނޑުމެން ހަމަ އިސާހިތަކު މި ހުޅުވާލަނީ ކުރިއަށް އޮތް ކުޑަދުވަސްކޮޅެއް ތެރޭގަ އިއުލާންކުރާނެ ތަފުސީލުތަކާއެކީގަ މި ގޯތިތަކަށް ކުރިމަތިލާން، ކުރިމަތިލުމަށް. އަޅުގަނޑުވީ ވައުދާ އެއްގޮތަށް އެއްވެސް ބޯހިޔާވަހިކަމެއް މިހާތަނަށް ނުލިބިތިބި 18 އަހަރުން މަތީގެ ފަރާތްތަކަށް އަމާޒުކޮށްގެން، އެންމެ ނީޑީ ފަރާތްތަކަށް އެންމެ ފުރަތަމަ ލިބޭނެ ނިޒާމުގެ ތެރެއިން، އާއިލީ ބޯހިޔާވަހިކަމުގެ ކޮންސެޕްޓުގައި، އަޅުގަނޑުވީ ހުރިހާ ވައުދެއް ފުދިގެންދާގޮތަށް މި ހުޅުވާލަން ނިންމާފަވަނީ، ތަފުސީލުތައް އިއުލާން ކުރެވިގެންދާނެ" ރައީސް ވިދާޅުވިއެވެ.