"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ދާދި އަވަހަށް ރަސްމާލެއިން ގޯއްޗަށް ހުޅުވާލައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މަސައްލައަށް ހައްލު ހޯދުމަށް މިއަހަރު ތެރޭގައި މަޝްރޫއުތަކެއްގެ މަސައްކަތް ފަށާނެ ކަމަށެވެ. ރައީސްވަނީ އެގޮތުން މިހާރު ކުރަމުންދާ ބައެއް މަސައްކަތްތަކުގެ މައުލޫމާތު ހާމަކުރައްވައިފައެވެ.

އެގޮތުން ހުޅުމާލޭ ފޭސް ތިނެއްގެ ބާކީ ސަރަހައްދު ހިއްކުމުގެ މަސައްކަތް އިއްޔެ ފަށައިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އިއްޔެވަނީ ގިރާވަރުފަޅުގެ ބާކީ އޮތް ބައި ހިއްކުމަށް އެގްރީމެންޓު ކޮށްފައިކަމަށް ރައީސް ވިދާޅުވިއެވެ. ގިރާވަރު ހިއްކުމަށް ބޭނުންވާ ޑްރެޖަރު މި މަސް ތެރޭގައި އެ ސަރަހައްދަށް ގޮސް ބިން ހިއްކުމުގެ މަސައްކަތް ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއަހަރުގެ ތެރޭގައި އުތުރުތިލަފަޅުގެ މަސައްކަތްވެސް ފަށާނެ ކަމަށެވެ. ރަސްމާލޭގެ ތިން ސަރަހައްދަކުން ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާއިރު ބައެއް ސަރަހައްދުތަކުގެ ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. ދެން ހުރި ސަރަހައްދުތައް ހިއްކުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތް ތިން ގުނައަށް މިއަންނަ މަހު އަވަސްވެގެންދާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ސަބަބަކީ އިތުރު ޑްރެޖަރުތައް ގެނައުމަށް ފައިސާ ދައްކައި އެގްރީމެންޓު ހަދާފައިވުންކަމަށް ރައީސް ވިދާޅުވިއެވެ.

އެތަންތަން ހިއްކަނީ މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމަށް ހައްލެއް ގެނެސް ދިނުމަށްޓަކައިކަމަށް ރައީސް ވިދާޅުވިއެވެ

"އެހެންވީމާ ބިން ހިއްކުން ބާރަށް ކުރިއަށްދާތީވެ އަޅުގަނޑުމެން ހަމަ އިސާހިތަކު މި ހުޅުވާލަނީ ކުރިއަށް އޮތް ކުޑަދުވަސްކޮޅެއް ތެރޭގަ އިއުލާންކުރާނެ ތަފުސީލުތަކާއެކީގަ މި ގޯތިތަކަށް ކުރިމަތިލާން، ކުރިމަތިލުމަށް. އަޅުގަނޑުވީ ވައުދާ އެއްގޮތަށް އެއްވެސް ބޯހިޔާވަހިކަމެއް މިހާތަނަށް ނުލިބިތިބި 18 އަހަރުން މަތީގެ ފަރާތްތަކަށް އަމާޒުކޮށްގެން، އެންމެ ނީޑީ ފަރާތްތަކަށް އެންމެ ފުރަތަމަ ލިބޭނެ ނިޒާމުގެ ތެރެއިން، އާއިލީ ބޯހިޔާވަހިކަމުގެ ކޮންސެޕްޓުގަ، އަޅުގަނޑުވީ ހުރިހާ ވައުދެއް ފުދިގެންދާގޮތަށް މި ހުޅުވާލަން ނިންމާފަވަނީ، ތަފުސީލުތައް އިއުލާން ކުރެވިގެންދާނެ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މަސައްލައަށް ހައްލު ހޯދުމަށް މިއަހަރު ތެރޭގައި މަޝްރޫއުތަކެއްގެ މަސައްކަތް ފަށާނެ ކަމަށެވެ

"ޖުމްލަކޮށް ހައުސިން ޔުނިޓަށް ބަލާނަމަ ހަމަ މާލޭގެ މިއަހަރުގެ ތެރޭގައި އަޅުގަނޑުމެން މި މަސައްކަތް ކުރަނީ، ބާކީ މިއޮތް ދޮޅުމަހެއްގެ ތެރޭގައި 3،000 ހައުސިން ޔުނިޓުގެ އެގްރީމެންޓަގަ ކަމާބެހޭ އުސޫލުގެ ތެރެއިން ސޮއިކުރެވި މަސައްކަތް ހަވާލުކުރަން" ރައީސް ވިދާޅުވިއެވެ.

އިންޑިއާގެ ލައިން އޮފް ކްރެޑިޓުގެ ދަށުން 400 ހައުސިން ޔުނިޓެއްގެ މަސައްކަތްވަނީ ހަމަޖެހިފައިކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެހެން ބައެއް ގައުމުތަކުގެ އެހީތެރިކަން ލިބިގެންވެސް ކުރިއަށްގެންދާނެ ހައުސިން މަޝްރޫއުތަކެއް އެބަހުރިކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންވީމާ ކުރުގޮތަކަށް ދަންނަވަންޏާ މާލެ ސަރަހައްދުގަވެސް އަމަލީ ގޮތުން، ރިއަލިސްޓަކީ ހަމަ މާގިނަ ދުވަހެއް ނެތި އަަމަލީ މަސައްކަތް ފެށޭނެ. ގާތްގަޑަކަށް 7،000 އަށްވުރެ ގިނަ ހައުސިން ޔުނިޓުގެ މަސައްކަތް އެވަނީ ތަރުތީބު ކުރެވިފަ" ރައީސް ވިދާޅުވިއެވެ.