މި އަހަރާއި އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 2026 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި، ކުރިއަށް އޮތް އަހަރަށް ހިންގަން ރާވާފައިވާ ތަރައްގީގެ ވަކިވަކި މަޝްރޫއުތަކުގެ ތަފްސީލު ނުހިމެނީ ރައްޔިތުން ބޭނުންވާ މަޝްރޫއުތައް ހިންގަން ޖާގަދިނުމަށް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޒަމީރު މިހެން ވިދާޅުވީ، 2026 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓް ދިރާސާކުރުމަށް މިއަދު ބޭއްވި ބަޖެޓް ކޮމިޓީގެ ބައްދަލުވުމުގައި، ވަކިވަކި މަޝްރޫއުތަކުގެ ތަފްސީލު ބަޖެޓުގައި ނުހިމަނާ މައްސަލައިގައި، އިދިކޮޅު އެމްޑީޕީގެ މެންބަރުން ތަކުރާރުކޮށް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓުގައި ޕްރޮޖެކްޓްތަކާއި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް 9.3 ބިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ. އެއީ ޖުމުލަ ބަޖެޓުގެ 14 ޕަސެންޓެވެ.
ނަމަވެސް މިއަހަރެކޭ އެއްގޮތަށް، ޕީއެސްއައިޕީގެ ވަކިވަކި މަޝްރޫއުތަކުގެ ތަފްސީލުތައް ހިމަނައިފައެއް ނުވެއެވެ. ހަމައެކަނި އޮތީ މަޝްރޫއުތަކަށް ޖުމުލަކޮށް ހިނގާނެ ހަރަދެވެ.
އެކަމާ ގުޅިގެން ކޮމިޓީގައި އެމްޑީޕީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، މަޝްރޫއުތަކާ ނުބައްދަލު އަދަދުތަކެއް ބަޖެޓުގައި ޖަހައި ތަފްސީލު ހިމެނިޔަސް އެދެވޭ ނަތީޖާއެއް ނުލިބޭނެ ކަމަށެވެ. އެއީ ރަށްރަށަށް ކޮންމެހެން ބޭނުންވާ މަޝްރޫއުތަކަކީ ކޮބައިކަން މާލޭގައި ތިބެގެން ދެނެގަތުމުގެ ފުރުސަތު ނެތުމުން ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން ޒަމީރު ވިދާޅުވީ ސީދާ ރަށްރަށަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގެން، އެ ރަށެއްގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރަށަކަށް ބޭނުންވާ މަޝްރޫއުތައް އޮޅުންފިލުއްވައި، ރައްޔިތުން ބޭނުންވާ ގޮތަށް އެ މަޝްރޫއުތައް ކުރިއަށްގެންދިއުމުގެ ސަގާފަތެއް ގާއިމުކުރައްވާފައިވާ ކަމަށެވެ.
އެ އުސޫލުގެ ތެރެއިން އެރަށަކަށް ބޭނުންވާ ދާއިރާއަކުން އެންމެ ބޭނުންވާ މަޝްރޫއު ހިންގުމުގެ ޖާގަ ލިބިަފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ސަރުކާރުން ރައްޔިތުންނަށް ދޭންޖެހޭ އެހީތެރިކަމެއް ދަތިކަމެއް ނުވެ ފޯރުކޮށްދީ، މަޝްރޫއުތައް ވީއެންމެ އަވަހަކަށް ނިންމުން ކަމަށެވެ.
އިބްރާހިމް ޒަކީ
މަޖިލިސް ބަޖެޓު ކޮމެޓީ
މަޖިލިސް ބަޖެޓު ކޮމެޓީ
މަޖިލިސް ބަޖެޓު ކޮމެޓީ
މަޖިލިސް ބަޖެޓު ކޮމެޓީ