އަންނަ އަހަރު ސަރުކާރުން މުސާރަ ބޮޑުވާ ބައިގައި ކަސްޓަމްސް މުވައްޒަފުން ހިމެނޭކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ސިވިލް ސާވިސް މުވައްޒަފުންނާއި ސަރުކާރުގެ ބައެއް އިދާރާތަކުގެ މުވައްޒަފުންގެ މުސާރަ މިމަހުން ފެށިގެން ސަރުކާރުން ވަނީ ބޮޑުކޮށްފައެެވެ.

އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމީޓީގެ މިއަދުގެ ބައްދަލުވުމުގައި، ކަސްޓަމްސްއަކީ ދައުލަތަށް އެންމެ ގިނަ ފައިސާ ވަންނަ ޔުނީފޯމް ބޮޑީއަށްވާ އިރު، އެ ތަނުގެ މުވައްޒަފުންގެ މުސާރަ ބޮޑުނުވާ މައްސަލައިގައި، އެމްޑީޕީގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ މިނިސްޓަރާ ސުވާލު ކުރެއްވިއެވެ.

ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ ޕޭ ހާމަނައިޒޭޝަނާ އެއްކޮށް ދައުލަތުގެ ހުރިހާ މުސާރަތަކަކަށް އެދެވޭ ބަދަލުތަކެއް އަންނާނެ ކަަމަށެވެ.

އެކަމަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕޭ ކޮމިޝަނާ މަޝްވަރާކޮށްގެން ވަކި ދުވަސްތަކެއްގައި ވަކި ލަނޑުދަނޑިތަކެއް ހާސިލުކުރަން ކުރިއަށްގެންދާ މަސައްކަތްތަކެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އެ މަސައްކަތްތަކުގެ ދަށުން މިއަހަރު ޖުޑީޝަރީ އާއި ބައެއް މިނިސްޓްރީތަކާއި ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން އަންނަ އަހަރަށްވެސް އެފަދަކަމެއް ރާވާފައިވާ ކަމަށާއި އޭގެ ތެރޭގައި ކަސްޓަމްސް ހިމެނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.