އެމެރިކާއިން ވިސާ ދިނުމުގައި ސިއްހީ ހާލަތަށް ބަލަން ނިންމައިފިއެވެ.

އެމެރިކާއަށް އެތެރެވާ ބޭރު ގައުމުތަކުގެ މީހުންނަށް ވިސާ ދިނުމަށް އެގައުމުން އަމަލުކުރާ ގާނޫނަށް ބަދަލު ގެނެސްފައިވާ އިރު، ވިސާއަށް ހުށަހަޅާ މީހާގެ ސިއްހީ ހާލަތަށް ބެލުމަށް ވަނީ ނިންމައިފައެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އާންމުކުރި ގައިޑްލައިންގައިވާ ގޮތުން އެގޮތަށް އަމަލުކުރަން ނިންމާފައިވަނީ އެމެރިކާގެ އާންމުންނަށް ދޭ ހިދުމަތްތަކަށް ބޭރުން އަންނަ ފަރާތްތަކުގެ ސަބަބުން ބުރޫއަރާތީ ކަމަށް ބުނެފައިވެއެވެ.

އެމެރިކާގައި ހުންނަ ބޭރު ގައުމުތަކުގެ އެމްބަސީތަކާއި ކޮންސުލޭޓުތަކަށް އެ ގަވާއިދު ފޮނުވާފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާގޮތުން އެމެރިކާއިން އަލަށް އަމަލުކުރާ ގައިޑްލައިންގެ ދަށުން ސިއްހީ މައްސަަލައެއް ހުރިތޯ ސްކިރީނު ކުރާނެއެވެ. އަދި އެމީހެއްގެ ވެކްސިން މައުލޫމާތާއި އެއްވެސް ބައްޔަކަށް ފަރުވާ ހޯދަމުންދޭތޯ ބެލުމުގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަމަށްވެސް ބަލާނެއެވެ.

ސިއްހީ މައްސަލައެއް ހުންނަ ފަރާތަކަށް ވިސާ ދޭނަމަ އެމީހަކު އެ ސިއްހީ މައްސަލައަށް ފަރުވާ ހޯދުމުގެ ގާބިލުކަން ލިބިފައިވޭތޯ ވިސާ ދޫކުރުމުގައި ބަލާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.