އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރެއް ތުރުކީން ނެރެފިއެވެ.

ތުރުކީގެ ވެރިރަށް އިސްތަމްބޫލުގެ ޗީފް ޕަބްލިކް ޕްރޮސެކިއުޓާ އޮފީހުން އިއްޔެ ނެރުނު އަމުރުގައި ވަނީ ނަތަންޔާހޫ ހިމެނޭހެން އިސްރާއީލަށް ނިސްބަތްވާ 37 މީހަކު ހައްޔަރުކުރުމަށެވެ.

އިސްތަމްބޫލުން ނެރުނު އަމުރުގައިވާގޮތުން ނަތަންޔާހޫ ހިމެނޭހެން އިސްރާއީލު ސަރުކާރުގެ 37 މީހަކު ހައްޔަރުކުރުމަށް އަމުރު ނެރެފައިވަނީ ގާޒާގައި ހިންގަމުންގެންދާ ލާއިންސާނީ އަމަލުތަކާ ގުޅިގެން ކަމަށް ޗީފް ޕަބްލިކް ޕްރޮސެކިއުޓާ އޮފީހުން ބުނެއެވެ.

ގާޒާގެ މައްސަލައިގައި އިސްރާއީލުން އަމަލުކުރަމުންދާ ގޮތުގެ ސަބަބުން އިސްރާއީލާއި ތުރުކީގެ ގުޅުން ހީނަރުވެފައިވާ އިރު، ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބު އުރުދުގާންގެ ސަރުކާރުން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އިސްރާއީލާ ދެމެދު އޮތް ހުރިހާ ގުޅުންތަކެއް ކަނޑާލާފައި ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ތުރުކީން ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރެއް ނެރެފައިވާ އިރު، ދެކުނު އެފްރިކާ އިސްވެ އޮވެ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަށް ވެސް ވަނީ ނަތަންޔާހޫއާއި އިސްރާއީލު ސަރުކާރުގެ ބައެއް ފަރާތްތަކާ ދެކޮޅަށް މައްސަލަ ހުށަހަޅައިފައެވެ.