ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެހީތެރިކަމާއެކު ނެޝަނަލް ސްކިލްސް އެންޑް ކެރިއާ އެކްސްޕޯ (ވަރަ އެކްސްޕޯ 2025) މިއަދު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ފަށައިފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި އެކްސްޕޯގެ މަގުސަދަކީ، ވަޒީފާގެ ފުރުސަތުތަކާއި ތައުލީމު ހާސިލުކުރުމުގެ ފުރުސަތުތައް އެއްތަނަކުން ހޯދުމުގެ މަގު ފަހިކޮށްދީ، ދިވެހި ޒުވާނުން ބާރުވެރިކުރުމެވެ.

މިއަހަރު އެކްސްޕޯގެ މެއިން ސޮޕްސަރަކީ ބީއެމްއެލްއެވެ. ބީއެމްއެލްއިން ވަނީ އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން އިންޓަރެކްޓިވް ހަރަކާތްތައް ހިމެނޭ ސްޓޯލެއް ގާއިމުކޮށްފައެވެ.

ބީއެމްއެލުން އިއްޔެ ބުނީ އެ ސްޓޯލުން ބޭންކުގެ އިންޓާންޝިޕް ޕްރޮގްރާމާއި ސްކޮލާޝިޕްގެ ފުރުސަތުތަކާއި ދަރިވަރުންނާއި ޒުވާން ޕްރޮފެޝަނަލުންނަށް ހުޅުވާލާފައިވާ އިންޑަސްޓްރިއަލް ޕްލޭސްމަންޓްތަކާ ގުޅޭ މައުލޫމާތުތައް ހިއްސާކުރާނެ ކަމަށެވެ.

އަދި ވަޒީފާ ހޯދާ ފަރާތްތަކަށް ބޭނުންވާ ކެރިއާ ގައިޑެންސް އާއި ޖޮބް ކޯޗިންވެސް ބޭންކުގެ ތަޖުރިބާކާރުން ފޯރުކޮށްދޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

މިދިޔަ އަހަރުގެ އެކްސްޕޯއަށް އަށް ވަރަށް ބޮޑު ތަރުހީބެއް ލިބި، 10،000 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކުރިކަމަށް ބީއެމްއެލުން ބުންޏެވެ.

މިއަހަރުގެ އެކްސްޕޯ މާދަމާ ރޭ 22:00 ޖެހުމާއަށް ހަމައަށް ކުރިއަށްދާނެކަމަށް ބީއެމްއެލުން ބުންޏެވެ.