މިއަދު އަމިއްލަ ކުންފުނިތަކަށް ސަރުކާރު ހަވާލުކުރި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް މިއަދުން ފެށިގެން 21 ދުވަސްތެރޭ ފަށަން ޖެހޭނެ ކަމަށާއި ފައިސާގެ މައްސަލައެއް ނުޖެހޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބާސެލޯ ނަސަންދުރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ސަރުކާރުން ރާއްޖޭގެ އެކިކަންކޮޅުގައި ހިންގާ ތަރައްގީގެ 206 މަޝްރޫއެއް އަމިއްލަ 53 ކުންފުންޏަކާ ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އަމިއްލަ ކުންފުނިތަކާ މަސައްކަތްތައް ހަވާލުކުރުމުން ކުންފުނިތައް ކޮޅަށް ޖެހި، އިގުތިސޯދީ ފައިދާވެސް ލިބޭނެ ކަމަށެވެ. ހާއްސަ ގޮތެއްގައި އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތައް އެކަމުގެ ސަބަބުން ކުރިއަރައިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އެއްވެސް ކަހަލަ ޕޭމަންޓުގެ ފައިސާ ލިބުމުގައި އެއްވެސް ކަހަލަ ތާށިކަމެއް ނާންނާނެ މަޝްރޫއުތަކެއްގައި މި ސޮއިކުރެވިގެން ދިޔައީ. އާންމުކޮށް ސަރުކާރުގެ ތެރެއިން ފައިސާ ދޫކުރުމުގައި އެ އަންނަ ދަތިތަކުގެ ތެރެއިން އެ އަންނަ ޑިލޭތައް އެއްވެސް ވަރަކަށް ނާންނާނެ. މަސައްކަތްތައް ބަރާބަރަށް އެގްރީމަންޓުގައިވާ ގޮތަށް ކުންފުނިތަކުން ކުރަމުން ގެންދާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރިއަށްއޮތް 21 ދުވަހުގެ ތެރޭގައި އެ މަޝްރޫއުތަކުގެ މޮބިލައިޒޭޝަން މަރުހަލާ ކުރިއަށްދާނެ ކަމަށެވެ. އެ މަޝްރޫއުތައް ހަވާލުކޮށްފައިވަނީ އެކަމަށް ގާބިލު އަދި އޮޑިޓުންވެސް މައްސަލަތައް ކުރިމަތިވެފައި ނެތް ކުންފުނިތަކަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ އަމިއްލަ ފަރުދުން މާލީގޮތުން ބާރުވެރިކޮށް މުއްސަނދިކުރުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު