ސަރުކާރުން ބޭނުންވަނީ އާންމު ފަރުދުން މުއްސަނދި ކޮށްދިނުމަށްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ޕްރައިވެޓް ކޮންޓްރެކްޓަރުންނާ ހަވާލުކުރުމަށް ބާސެލޯސް ނަސަންދުރާގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ގައުމު އޮތީ ޑީފޯލްޓު ކޮށްލުމަށް ބަޔަކު ޑިޒައިން ކޮށްފައި ކަމަށެވެ. ނަމަވެސް އެކަން ބަދަލުކޮށް، ރާއްޖޭގެ އިގުތިސޯދު މިހާރު ރަނގަޅު މިސްރާބަކަށް ގެންދެވިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މިއަދު ސޮއިކުރި މަޝްރޫއުތަކާއެކު، ޕްރައިވެޓް ސެކްޓާ ހާއްސަކޮށް ކޮންސްޓްރަކްޝަން އިންޑަސްޓްރީ ކުރިއަރައި އެކަމުގެ ދިރުން އިގުތިސޯދަށް އަންނާނެ ކަމަށެވެ.
"އަޅުގަނޑުމެން ބޭނުންވަނީ އާންމު ފަރުދުން މުއްސަނދި ކޮށްދޭން. މަސައްކަތުގެ ތަރުތީބުގެ ތެރެއިން މުޅި އިގުތިސޯދު ވަރަށް ބިޒީ ވެގެންދާނެ" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ކޮންޓްރެކްޓަރުންނަށް ފައިސާ ދޫކުރުމުގައި އެއްްވެސް ދަތިކަމެއް ނާންނާނެ ކަމަށާއި ކޮންޓްރެކްޓުގައިވާ މުއްދަތުގެ ތެރޭގައި މަޝްރޫއުތައް ނިންމަން ކޮންޓްރެކްޓަރުންނަށް މަޖުބޫރުވާނެ ކަމަށެވެ. އަދި މަޝްރޫއުތައް އަވަސްކުރަން ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މިއަދު 53 ކުންފުންޏަކާ ހަވާލުކުރި 206 މަޝްރޫއުގެ މޮބިލައިޒޭޝަންގެ މަސައްކަތްތައް ކުރިއަށް އޮތް 21 ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު