ފެނަކަ ކޯޕަރޭޝަންގެ ހާއްސަ އޮޑިޓް ރިޕޯޓުން ފާހަގަވި ކޮރަޕްޝަނާއި ހިޔާނާތުގައި ބައިވެރިވެފައިވާކަމަށް، ކަނޑައަޅައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވި މުވައްޒަފުންގެ ލިސްޓާ މެދު ހިޔްހަމަނުޖެހޭކަމަށް، އެ މައްސަލަ ބަލަން މާލިއްޔަތު ކޮމިޓީން ކަނޑައެޅި ސަބްކޮމިޓީގެ މުގައްރިރު، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ސަބް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ، ފެނަކައިގެ ކޮރަޕްޝަނާއި ހިޔާނާތް ހިންގުމުގައި ޝާމިލުވި މުވައްޒަފުން ކަމަށްބުނެ އެ ކުންފުނީގެ ހެޑް އޮފް ޑިޕާޓްމަންޓްގެ ގޮތުގައި ތިބި 13 މުވައްޒަފުންގެ މައުލޫމާތު ކޮމިޓީއަށް ފޮނުވާފައިވާ ކަަމަށެވެ.

ނަަމަވެސް އެކަމާ ބެހޭގޮތުން ފެނަކައިން ކޮމިޓީއަށް ފޮނުވި ސިޓީގައި ފާހަގަކޮށްފައިވަނީ އެތަނުގައި ފައިނޭންސް އާއި ޕްރޮކިއުމެންޓާއި އިތުރު ސެކްޝަނެއްގެ ވާހަކަ ކަމަށާއި، ފެނަަކައިން އެންމެ ބޮޑަށް ކޮރަޕްޝަން ހިންގާފައިވާ ކަމަށް އޮޑިޓާ ޖެނެރަލް ކޮމިޓީއާ ހިއްސާކުރެއްްވި ދަތުރުފަތުރާ ބެހޭ ސެކްޝަން (ލޮޖިސްޓިކް ޑިޕާޓްމަންޓް)ގެ ވާހަކަ އޭގައި ނެތްކަމަށް ނާޒިމް ވިދާޅުވިއެވެ.

"ހިޔާނާތުގެ ވަރަށްބޮޑު ބައެއްގައި ހިމެނޭ ދަތުރުފަތުރުގެ ބައި އޮޑިޓާ ޖެނެރަލް ކަނޑައެޅިގެން ވިދާޅުވި އެއްލައްކަ ފަންސާސްހާހަށް ކުރެވޭ ދަތުރުތައް އޮތީ ހަތަރުލައްކައަށް ކޮށްފައޭ، އެހެން ބުނެފަ އޮތްއިރުގައި ލޮޖިސްޓިކް ޑިޕާޓްމަންޓްގެ ވާހަކައެއް ނެތް،"

ނާޒިމް ވިދާޅުވީ މުވައްޒަފުންގެ ލިސްޓް ފޮނުވި އިރު، ހިޔާނާތުގެ ތެރެއިން މުވައްޒަފު ޒިންމާވަނީ ކޮންކަމަކާކަން އެ ލިސްޓުން އެނގެން ނެތް ކަމަށެވެ.

އޭގެ އިތުރުން އެކަންކަމުގައި ވަރަށް ގިނަ ކޮންޓްރެކްޓް ސްޓާފުން ހިމެނޭކަމަށް އޮތް އިރު، އޭގެ ތެރެއިން ގިނަމީހުން މިހާރު އެ ކުންފުނީގައި ނެތް ކަމަށާއި އެއީވެސް ހުރި ކަންބޮޑުވުންތަކެއް ކަަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން މުވައްޒަފުންގެ ކަންތަކުގައި ފެނަކައިން ކޮމިޓީއާ މައުލޫމާތު ހިއްސާ ކޮށްފައިވަނީ މައްސަލައިގައި ކުރިއަށް ދެވޭގޮތަށް ނޫން ކަމަށްވެސް ވިދާޅުވިއެވެ.