ބަހްރެއިންގައި ނިމިގެން ދިޔަ ތިންވަނަ އޭޝިއަން ޔޫތު ގޭމްސްގައި ރާއްޖޭގެ އެތުލީޓުންގެ ފަރާތުން ކުރިއެރުންތައް ފެނުނު ކަމަށާއި، ދެން އޮތީ މެޑަލް ހޯދުމުގެ ވިސްނުމަށް، ވިސްނުން ބަދަލުކުރުން ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕި) ވިދާޅުވެއްޖެއެވެ.
މިފަހަރު ބަހްރެއިންގައި ކުރިއަށްދިޔަ ޔޫތު ގޭމްސްގައި ރާއްޖޭގެ 56 އެތުލީޓުން ހަތް ކުޅިވަރެއްގައި ވާދަކޮށްފައިވެއެވެ. އެ ގޭމްސްގެ ތެރެއިން އެމްއޯސީ މީޑިއާ ޓީމަށް ސައްތާރު ދެއްވި އިންޓަވިއުގައި ވިދާޅުވީ ގޭމްސްއިން ކުރިއެރުންތައް ފެނުނު ކަމަށާއި، ކުޅިވަރުގެ ކުރިއެރުން ޖުމުލަކޮށް ފެނުނު ކަމަށެވެ.
"ކުރިއެރުން ފެނިގެންދިޔަ ގިނަ ކުޅިވަރުތަކަކުން. މިސާލަކަށް ބީޗް ވޮލީ އަންހެން ޓީމުން އެކުރި ހިތްވަރު. އެއީ ވަރަށް ބޮޑަށް ފާހަގަކޮށްލަން ޖެހޭ ކަމެއް. ގްރޫޕް ސްޓޭޖު ފަހަނައަޅައި، ކުއާޓާ ފައިނަލަށް އެ ދިޔައީ ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެން. އަޅުގަނޑުމެން ބަލަން އެ ކުދިންގެ މެޗުތައް ހަމަ ކޮންމެ ދުވަހަކުވެސް. ވަރަށް ބުރަކޮށް އެކުދިން މަސައްކަތް ކުރި. އެއީ ވަރަށް ރަނގަޅު ކާމިޔާބީއެއް. އެއާއެކު އެތުލެޓިކްސްގެ ފައިނަލް ސްޓޭޖަކަށްވެސް ދިޔަ. ދެން ސްވިމިންގެ ހަތަރު ރެކޯޑެއް ބްރޭކްވެގެން ދިޔުން އެއީ ހިތްވަރެއް. ދެން އެހެން ކުޅިވަރުތަކުންވެސް ކުރިއެރުން ފެނުނު. އެހެންވީމަ ކުޅިވަރު ކުރިއަރާތަން ފެނުނީ،" އެމްއޯސީގެ ރައީސް ސައްތާރު ފާހަގަކުރެއްވިއެވެ.
ސައްތާރު އެކަންކަން ފާހަގަކުރައްވަމުން ވިދާޅުވީ، މިހާރަށްވުރެ ރަނގަޅަށް ކުޅިވަރުގެ ކުރިއެރުވުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެގޮތުން އިންފްރާސްޓްރަކްޗާ ކުރިއަރަމުންދާ އިރު، ކުޅިވަރުން ކާމިޔާބު ހޯދަން މިހާރަށްވުރެ ބޮޑަށް އެތުލީޓުންނާއި ބެލެނިވެރިން އަދި އެސޯސިއޭޝަންތަކުން މަސައްކަތް ކުރަން ޖެހޭ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
"މިހާރު އަޅުގަނޑުމެންގެ ޕްރެކްޓިސްތައް މި ދަނީ ދެގަޑިއިރު ތިން ގަޑިއިރަށް އާއްމުކޮށް. އެ ބަދަލުކޮށްލަން އެބަޖެހޭ. އެއަށްވުރެ ބޮޑަށް، ފޯކަސް ކޮށްގެން މަސައްކަތް ކޮށްލަން ޖެހޭ. އެގޮތަށް މަސައްކަތް ކޮށްފިނަމަ، މިއަށްވުރެ މާ ބޮޑެތި ކާމިޔާބީތައް ލިބޭނެ. އަޅުގަނޑުމެން ބަލަން އެބަ ޖެހޭ މެޑަލް ނަގާ އެތުލީޓުން މެޑަލް ނަގަނީ ކީއްކޮށްގެންތޯ ބަލަން. އެހެން ބަލާއިރު އެއީ ވަރަށް ބުރަ މަސައްކަތުން ކުރާ ކަމެއް،" ސައްތާރު ވިދާޅުވިއެވެ.
ސައްތާރު ވިދާޅުވީ ކުދި ގައުމުތަކަށް ނުވާނެ ކަމަށް ބުނާ ބުނުން އެއީ މިހާރު ހަގީގަތެއް ނޫން ކަމަށާއި، ކުދި ގައުމުތަކުން ހޯދި ކާމިޔާބީތައް މިހާރު ފެންނަން އެބަހުރި ކަމަށެވެ.
ރާއްޖޭގެ ކުޅިވަރު ކުރިއަރުވަން ކުރަމުންދާ މަސައްކަތުގައި ސްކޯލާޝިޕްތައް ތަނަވަސްކޮށްދީ، ކުޅުންތެރިންނާއި ކޯޗުން ބިނާކުރުމަށްވެސް އެމްއޯސީން މަސައްކަތް ކުރައްވާ ކަމަށް ސައްތާރު ވިދާޅުވި އިރު، އޭނާ ފާހަގަކުރެއްވީ އެ އުސޫލުތައް ހަރުދަނާކޮށް، ރަނގަޅަށް އިންވެސްޓް ކުރުމަށް ސަރުކާރުން ރާވާ ޕްލޭންގެ ދަށުން ފައިދާ ލިބޭނެ ކަމަށެވެ.
ސައްތާރު ވަނީ ގޭމްސްގެ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ. އެގޮތުން ސްޕޯޓްސް މިނިސްޓްރީގެ ނަން ފާހަގަކުރައްވާ ސައްތާރު ވިދާޅުވީ ބަހްރެއިންނަށް މިނިސްޓަރު އަބްދުﷲ ރާފިއު ވަޑައިގެން، އެތުލީޓުންނާ ވަކިވަކިން ބައްދަލުކުރެއްވުން އެއީ ލިބުނު ބޮޑު ހިތްހަމަ ޖެހުމެއް ކަމަށް ފާހަގަކުރައްވައިފައެވެ. އެކަމުން ދޭހަކޮށްދިނީ ސަރުކާރުން ކުޅިވަރަށް ދޭ ސަމާލުކަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރުން އެމްއޯސީގެ ރައީސް ސައްތާރު ވަނީ އެސޯސިއޭޝަންތަކުން ލިބުނު އެއްބާރުލުންވެސް ފާހަގަކުރައްވައިފައެވެ.
މުޙައްމަދު ޝަމްޢޫން
އޭޝިއަން ޔޫތު ގޭމްސް
އޭޝިއަން ޔޫތު ގޭމްސް
އޭޝިއަން ޔޫތު ގޭމްސް
އޭޝިއަން ޔޫތު ގޭމްސް