ޔޫކޭގެ ރޭލެއްގައި ވަޅިން ދިން ހަމަލާ ޓެރަރިސްޓު ހަމަލާއަކަށް ނުވާކަމަށް އެގައުމުގެ ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އިނގިރޭސިވިލާތުގެ އިރުމަތީ ސަރަހައްދުގައި ހިނގި އެ ހަމަލާގައި އެ ރޭލުން ދަތުރުކުރި ގިނަ އަދަދެއްގެ މީހުންނަށް ވަޅިން ހަމަލާ ދީފައިވާ ކަމަށާއި އެކަމުގައި ހަރަކާތްތެރިވެފައިވަނީ އެގައުމަށް ނިސްބަތްވާ ދެމީހަކު ކަމަށެވެ.

ފުލުހުން ވަނީ އެ ހާދިސާއަށްފަހު 11 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ބުނެފައެވެ. އަދި މީގެ އިތުރުން ފަރުވާ ދެމުން އަންނަ މީހުންގެ ތެރެއިން ބައެއް މީހުންގެ ހާލު ދެރަ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

އިއްޔެ ހިނގި އެ ހާދިސާގެ ހާއްސަ ތަހުގީގެއް އިނގިރޭސިވިލާތުގެ ފުލުހުންގެ ކައުންޓާ ޓެރަރިޒަމް ޑިޕާޓްމަންޓުން ކުރަމުން އަންނަ އިރު، ފުލުހުން ވަނީ އެ ހަމަލާ އަކީ ޓެރަރިސްޓު ހަމަލާއެއް ނޫން ކަމަށް ބުނެފައެވެ.

އެ ހަމަލާ ދިން އުމުރުން 32 އަހަރުގެ މީހަކާއި 35 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ވަނީ އެމީހުންނަކީ އިނގިރޭސިވިލާތަށް އުފަން އިނގިރޭސި ރައްޔިތުން ކަމަށް ބުނެފައެވެ.