ނަސްރުގެ ދުވަހާ ގުޅިގެން ދިވެހި ސިފައިންގެ ގިނަ ހަރަކާތްތަކެއް ބާއްވަން ނިންމައިފިއެވެ.

ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ ތިންވަނަ ދުވަސް (ނަސްރުގެ ދުވަސް) ފާހަގަކުރަނީ، މި ގައުމަށްޓަކައި ޝަހީދުވި ޖިހާދީންގެ ހަނދާނުގައެވެ. އެ ދުވަސް ހާއްސަވެގެންވަނީ ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ހޯދި ނަސްރަށެވެ.

އެ ދުވަހާ ގުޅިގެން ޖުމްހޫރީ މައިދާނުގައި މާދަމާ ކުރިއަށްގެންދާ ހަރަކާތްތަކުގެ މައުލޫމާތު، ޓީވީއެމްގެ "ހޭޔަންބޯ" ޕްރޮގްރާމުގައި ހިއްސާކުރައްވަމުން އެމްއެންޑީއެފްގެ އެޖުޓަންޓް ޖެނެރަލް ކާނަލް ހުސެއިން އަލީ ވިދާޅުވީ އެ ދުވަހަކީ ރާއްޖެއަށާއި ސިފައިންނަށް ހާއްސަ ދުވަހެއް ކަމަށާއި ސަބަބަކީ އެ ދުވަހަކީ ރާއްޖެ މިނިވަންކަން ދަމަހައްޓަން މި ގައުމުގެ 8 ސިފައިންނާއި އިތުރު 11 މީހުން ޝަހީދުވީ ދުވަސް ކަމަށެވެ.

"މި ދުވަހަކީ ވަރަށް ބިރުވެރި ހާދިސާއެއް ކުރިމަތިވި ދުވަހެއް. މާތް ﷲގެ ވާގިފުޅާއެކު ދިވެހިންނަށް ވަރަށް ފުރިހަމަ ނަސްރެއް ދިވެހިންގެ ހިންމަތާއި މިންނަތުންނާއި، ސިފައިންގެ ހިތްވަރާއި ފަންވަރުން މި ދުވަހު މާތް ﷲ އަޅުގަނޑުމެންނަށް މިންވަރު ކުރެއްވި. މި ދިވެހި ސިފައިންގެ ތެރެއިން 8 ބޭފުޅަކާއި އިތުރު 11 ބޭފުޅަކު އާންމުންގެ ތެރެއިން، ޖުމުލަ 19 ބޭފުޅަކު ޝަހީދުވެވަޑައިގެން އިރާދަކުރެއްވިއްޔާ މާތް ﷲގެ ވާގިފުޅާއެކު ނަސްރު ލިބިގެންދިޔަ،" އެޖުޓަންޓް ޖެނެރަލް ކާނަލް ހުސެއިން ވިދާޅުވިއެވެ.

މިއަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރުމަށް ސިފައިން ކުރިއަށްގެންދާ ހަރަކާތްތައް:

  • ދުވަސް ފަށަނީ ފަތިސް ނަމާދުން، ސިފައިންގެ ލަޝްކަރު އެއްކޮށް ޖަމާއަތުގައި އިސްލާމީ މަރުކަޒުގެ މިސްކިތުގައި ޖަމާއަތުގައި ނަމާދުކުރާނެ. މި ފުރުސަތުގައި އާންމު ރައްޔިތުންނަށްވެސް މި ޖަމާއަތުގައި ބައިވެރިވެވޭނެ.
  • އެއާއެކު މާދަމާ ހެނދުނު 6:00 ގައި ސިފައިންގޭގެ ނޮވެމްބަރު ތިނެއްގެ ހަނދާނީ ބިނާގައި ދިދަޖެހުމާއި ގާޑް މައުންޓް ކުރުން އޮންނާނެ. (މިއީ ސިފައިންގެ އަސްކަތީއާއި އާދަކާދައިގެ ތެރޭގައި ހިމެނޭ ވަރަށް ހާއްސަ ކަމެއް. މިއީ ސިފައިންގެ ތެރެއިން ޝަހީދުވި 8 ބޭފުޅުންގެ ހަނދާން އާކުރުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ބިނާއެއް)
  • ޒަމާނީ ސިފައިންގެ ވަސީލަތްތަކުގެ ހަރަކާތްތައް، އެއްގަމުންނާއި ކަނޑުގެ މަގުންނާއި ވައިގެ މަގުންނާއި އެ ސަރަހައްދުގެ ވަށައިގެންވާ އުސް އިމާރާތްތަކުން ފެނިގެންދާނެ.

އިތުރު ހަރަކާތްތަކުގެ މައުލޫމާތުދެއްވަމުން ޕްރިންސިޕަލް ޑިރެކްޓާ މެރިންކޯ ކާނަލް މުހައްމަދު ފިރުދައުސް ވިދާޅުވީ މިއަހަރުވެސް ސިފައިން އަސްކަރީ ހުށަހެޅުމަކަށް ތައްޔާރުވަމުންދާ ކަމަށެވެ. އެ ހުށަހެޅުމުގެ މައިގަނޑު މަގުސަދަކީ ސިފައިންގެ އަސްކަރީ ގާބިލުކަމާއި އަސްކަރީ ގޮތުން ތައްޔާރުވެފައި ތިބި ތިބުން ދައްކާލަދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ހުށަހެޅުން މިއަހަރުވެސް އޮންނާނީ ޖުމްހޫރީ މައިދާނުގައި، އެ ދުވަހުގެ ހަވީރު 4:15 އިން ފެށިގެން ޖުމްހޫރީ މައިދާނުގައި. މި ހުށަހެޅުމުގައި ޖުމުލަ ގޮތެއްގައި ދައްކާލައިދޭނީ ރާއްޖެއަށް ކުރިމަތިވެދާނެ ނިރުބަވެރި ހަމަލާއަކުން އެމްއެންޑީއެފުން ގުޅިފައިވާ ބާރުތަކުން ރިއެކްޓުވެ، އެ ހަމަލާ ނާކާމިޔާބުކޮށްލުމަށް ހިންގޭ ހާއްސަ އޮޕަރޭޝަނެއްގެ ޑެމޮންސްޓްރޭޝަން،" އޭނާ ވިދާޅުވިއެވެ.

އެގޮތުން އެމްްއެންޑީއެފްގެ އެލީޓް ފޯސަސްތައް ކަމުގައިވާ އެމްއެންޑީއެފް ސްޕެޝަލް ފޯސަސް އަދި އެމްއެންޑީއެފްގެ މައިގަނޑު އެއްގަމުގެ ބާރު ކަމުގައިވާ މެރިންކޯގެ ސްޕެޝަލްސް އޮޕަރޭޝަންސް ގްރޫޕު، އެންއެންޑީއެފްގެ ކަނޑުގެ ބާރު ކަމުގައިވާ ކޯސްޓްގާޑުގެ ސްޕެޝަލް ބޭސްޑް ސްކޮޑްރަން އަދި އެމްއެންޑީއެފްގެ ވައިގެ ބާރު ކަމުގައިވާ އެމްއެންޑީއެފް އެއާކޯގެ ހަރަކާތްތައް ފެނިގެންދާނެ ކަމަށް ވެސް ފިރުދައުސް ވިދާޅުވިއެވެ.

ކާނަލް ފިރުދައުސް އިތުރަށް ވިދާޅުވީ އެ ހަރަކާތްތަކުގައި ބޭނުންކުރާ ގޮވާތަކެއްޗަކީ ރައްޔިތުންނަށް އޭގެން ނުރައްކާވާނެ ފަދަ ތަކެއްޗެއް ނޫން ކަމަށެވެ.

"މި ހުށަހެޅުން ކުރިއަށް މިދާ ސަރަހައްދު ކަމުގައިވާ ޖުމްހޫރީ މައިދާނުގެ ކަނޑުގެ ސަރަހައްދާއި ފަޅުތެރެއާއި އެއްގަމާއި އަދި ވަށައިގެންވާ އުސް އިމާރާތްތަކުން ސިފައިންގެ އޮޕަރޭޝަނަލް އެކި ހުނަރުތަކާއި އެކިއެކި ސްކިލްސްތައް ފެނިގެންދާނެ. މި ހުށަހެޅުން ކުރިއަށްދާއިރުގައި ވަރަށް ގިނަ ގޮއްވުންތަކެއް ގޮއްވޭނެ. ނަމަވެސް މިއީ ސަލާމަތީގޮތުން ރަނގަޅަށް ބެލެވިގެން، އެ ހުރިހާ މިންގަނޑުތަކަކަށް ފެތިގެން، އެއްވެސް އިރެއްގައި އެތަނަށް ބެލުމަށްޓަކައި ދާ ފަރާތްތަކަށް އެއްވެސް ކަހަލަ ނުރައްކަލެއް ހުންނާނެ ގޮއްވުންތަަކަކަށް ނުވާނެ،" އޭނާ ވިދާޅުވިއެވެ.

އެ ހަރަކާތްތަކުން ދައްކައިދޭނީ ސިފައިންގެ ހުނަރުވެރިކަމާއި ހުށިޔާރުކަމާއި ސާބިތުކަން ކަމަށާއި އެ ހަރަކާތް ކުރިއަށްދާނީ ރިކޯކްކޮށްފައިވާ ވީޑިއޯ އަދި ލައިވް އިވެންޓުތަކާއެކީގައި ކަމަށް ވެސް ފިރުދައުސް ވިދާޅުވިއެވެ.