ހއ. ހޯރަފުށީގެ އެންމެ ޝަރަފުވެރި އައްޑަނަ، "ސިރީނަވަރަންނަ އައްޑަނަ" ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވައިފިއެވެ.

"ހޯރަފުށީ ދުވަސް" ފާހަގަކުރުމަށް ހޯރަފުށީގައި ރޭ ބޭއްވި ޖަލްސާގައި "ސިރީނަވަރަންނަ އައްޑަނަ" ރައީސަށް އަރުއްވައިދެއްވީ އެ ރަށު ކައުންސިލުގެ ރައީސް މުހައްމަދު ވަހީދެވެ.

ޖަލްސާގައި އިއުލާންކޮށްފައިވާ ގޮތުގައި، ރައީސް ސޯލިހަށް އެ އައްޑަނަ އެރުވީ އެންމެ ފަސް އަހަރުން އެތައް މިލިއަން ރުފިޔާގެ ބިޔަ 16 މަޝްރޫއު، ހޯރަފުއްޓަށް އެކަނި ފަހިކޮށްދެއްވާފައިވާތީއެވެ. އަދި ސޯލިހަކީ ހޯރަފުށީގެ ތަރައްގީގެ ބާނީގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.

އެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެ މަނިކުފާނަށް އެ ޝަރަފު ލިބިވަޑައިގެންނެވުމުގައި ވަރަށް ގިނަ ކަންތައްތައް ހިމެނޭ ކަމަށާއި އެގޮތުން އެ މަނިކުފާނާއެކު ސަރުކާރުގައި މަސައްކަތްކުރެއްވި ބޭފުޅުން ބުރަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ.

"މި ރަށަށް ލިބުނު ކުރިއެރުމާއި ތަރައްގީގައި އަޅުގަނޑާ އެކުގައި ސަރުކާރުގައި ބުރަކޮށް މަސައްކަތްކުރެއްވި ހުރިހާ ބޭފުޅުންގެ ބުރަ މަސައްކަތް މިއަދު އަޅުގަނޑު ފާހަގަކުރަން. އަޅުގަނޑު ހިތުން މި ޝަރަފު ހައްގުވަނީ އެ ހުރިހާ ބޭފުޅުންނަށާ އެކީގައި،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އޭރު އޮތީ މުޅި ރާއްޖެ ތަރައްގީކުރުމުގެ ބިޔަ ބޮޑު މަސައްކަތެއް ކަމަށާއި 21 ވަނަ ގަރުނަށް އެޅިގެން އައި އިރުގައި، ސާފު ބޯފެން ނުލިބެއޭ ބުނީމާ، ބޯނެ ފެންފޮދު ނުލިބެއޭ ބުނީމާ ލަދުވެތިވާން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެންނަކީ ތަރައްގީވަމުން އަންނަ ގައުމެކޭ ކިޔައި، ފަހުރުވެރިކަމާއެކު އެ ވާހަކަދައްކާ އިރު، ރަނގަޅަށް ގައިން ތާހިރުވެލާނެ ގޮތެއް ނެތް. އެހެންނަމަވެސް އެ ދުވަހު މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަތް ދޭނެ ވާހަކަދެއްކީމާ އެކަމަށް ޖޯކު ޖެހި މީހުން ވެސް ތިބި،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެމެރިކާގައި ތިބި ދިހަ ޕަސަންޓެއްހާ މީހުންނަށް ވެސް ސާފު ބޯފެން ނުލިބޭ ކަމަށްބުނެ އޭރު ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ފަރާތްތަކުން ފާޑުކިޔަމުންދިޔަ ކަމަށެވެ. ނަމަވެސް އެމެރިކާ ފަދަ ގައުމެއްގައި ކަމެއް ނުވުމަކީ، ރާއްޖެއިން އެކަން ނުކޮށް ތިބެން ޖެހެންވީ ކަމެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.