ކުރީ ސަރުކާރުން 50 ރަށެއްގައި އޭޓީއެމް ބަހައްޓަން ނިންމައި، ގަތް 52 އޭޓީއެމް ހުރީ ގުދަނުގައި ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
ބީއެމްއެލުން މިއަދު ބާސެލޯ ނަސަންދުރާގައި ބޭއްވި"ދިވެހީންގެ ބޭންކު މުޅިރާއްޖެ" ކެމްޕޭން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަަވަމުން ޝަރީފު ވިދާޅުވީ އޭޓީއެމް ހިދުމަތް ރާއްޖޭގައި ފެށިތާ 25 އަހަރުވެފައިވާއިރު މާލެ ހިމަނައިގެން މީހުން ދިރިއުޅޭ 82 ރަށް ފިޔަވައި އެހެން ރަށްތަކުގައި އޭޓީއެމްގެ ހިދުމަތް ގާއިމުކުރެވިފައި ނުވާ ކަމަށެވެ. ޝަރީފު ވިދާޅުވީ އޭޓީއެމް ނެތް ރަށްރަށުގެ ރައްޔިތުން، އަސާސީ ބޭންކިން ހިދުމަތްތައްވެސް ހޯދުމަށް ބޮޑު ހަރަދެއް ކޮށްގެން އެހެން ރަށްތަކަށް ދާން ޖެހޭ ކަމަށެވެ. ނުވަތަ އެ ރައްޔިތުން ޖެހެނީ ބޭންކުގެ މުވައްޒަފުން އަންނަންދެން ރަށުގައި މަޑުކުރަން ކަމަށެވެ.
އެހެންވެ ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ކޮންމެ އަތޮޅެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކުރަންކަމަށް ޝަރީފު ވިދާޅުވިއެވެ.
"2023 ވަނަ އަހަރު ގާތްގަނޑަކަށް 50 ވަރަކަށް ރަށުގައި ބީއެމްއެލް މެދުވެރިކޮށް ސަރުކާރުގެ ހަރަދުގައި އޭޓީއެމް ބެހެއްޓުމަށްޓަކައި ޑިވިޑެންޑުން ކަނޑާގޮތަށް ބަޖެޓެއް ކަނޑައަޅުއްވައި އެ އަދަދު ހޭދަކުރަން ސަރުކާރުން ނިންމެވި. އެހެންނަމަވެސް 52 އޭޓީއެމް ގަނެފައި ގުދަނުގައި ހުރީ" ޝަރީފު ވިދާޅުވިއެވެ.
ނަމަވެސް ފާއިތުވި 2024 ވަނަ އަހަރުގެ ތެރޭގައި ނުވަ ރަށެއްގައި އޭޓީއެމް ބަހައްޓާފައިވާނެ ކަމަށާއި އެ އަހަރުގެ ނޮވެމްބަރުމަހު ރައީސް މުއިއްޒު "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއު ފައްޓަވައިދެއްވައި މި މަޝްރޫއު ވީހާވެސް އަވަހަކަށް ނިންމައިދިނުމަށް އެދިވަޑައިގެންނެވިކަމަށް ޝަރީފު ވިދާޅުވިއެވެ.
("(ބޭންކުން) ބެލީ އޭޓީއެމްގެ ހިދުމަތް ނުލިބޭ 105 ރަށުގައި، ކުރިން އެއަށްވުރެ ދެބައިކުޅަ އެއްބައި މަދު ރަށްތަކުގައި އޭޓީއެމް ބެހެއްޓުމަށް ކަނޑައެޅި ބަޖެޓުން މުޅި ޕްރޮޖެކްޓް ނިންމުމަށް. އާދެ، އައްޑޫ ހުޅުދޫ އަދި މަރަދޫ، މި ދެ ރަށުގައި ރަސްމީކޮށް އޭޓީއެމް ހުޅުވުމާއެކު ބޭންކަށް މި ލަނޑުދަނޑި ހާސިލްކުރެވުނީ. މިހާރު ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ސެލްފް ސާވިސް ބޭންކިން ޔުނިޓެއް ހުންނާނެ. ނުވަ މަސްތެރޭ އަޅުގަނޑުމެންގެ ޓީމުން މިވަނީ 105 ރަށެއްގައި އޭޓީއެމް ހިދުމަތް ގާއިމްކޮށްފަ. އަޅުގަނޑުމެން މިހާ އަވަހަށް އޭޓީއެމް މަޝްރޫއު މި ނިންމާލީ ކޮސްޓް އިފެކްޓިވް ހަރުދަނާ މޮޑެލްއަކަށް. އާދެ ކުރީގައި އޭޓީއެމް ބަހައްޓަމުން އައި އަގާ އަޅައި ބަލާއިރު ތިންބައިކުޅަ އެއްބައި ހަރަދު ކުޑަކޮށް" ޝަރީފު ވިދާޅުވިއެވެ.
ރާއްޖޭގެ މާއްދީ ތަރައްގީ ރަމްޒުކުރާ ބީއެމްއެލްގެ ނިޝާން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި މިހާރު ދިއްލިފައި ހުރިކަން ޝަރީފު ފާހަގަކުރެއްވިއެވެ.
މުހައްމަދު އިޝާން
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް