ރާއްޖޭގެ މަޝްހޫރު މޮޑެލް ފާތިމަތު ޒަޔާން އިބްރާހީމް (ކައިޒީން) އޭނާގެ ބައްޕަ އިބްރާހިމް އަލިފުޅާ ދެކޮޅަށް ބޯޓެއްގެ މައްސަލާގައި ކުރި ދައުވާއާ ގުޅިގެން ސިވިލް ކޯޓުން ކައިޒީންއާ ދެކޮޅަށް ކުރި ހުކުމް ބާތިލުކޮށް، އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އަނެއްކާވެސް އަންގައިފިއެވެ.
ސިވިލް ކޯޓަށް ކައިޒީން، އޭނާގެ ބައްޕައާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ "މިހިރީ 5" ބޯޓު ގަތުމަށް އޭނާގެ ބައްޕައަށް 3،600،000 ރުފިޔާ ހަވާލުކޮށްފައިވާ ކަމަށެވެ. އެ ބޯޓު ގަތުމަށްފަހު ބޯޓުގެ ރަޖިސްޓްރީ އޭނާގެ ބައްޕަގެ ނަމަށް ބަދަލުކޮށްފައިވާ ކަމަށާއި ރަޖިސްޓްރީން ބަދަލުކޮށްފައިވަނީ އޭނާގެ ރުހުން ނެތި ކަމަށް ކައިޒީން ބުނެފައިވެއެވެ.
އެހެންކަމުން ބޯޓުގެ ރަޖިސްޓްރީ އޭނާގެ ނަމަށް ބަދަލުކޮށްދިނުމަށް ބައްޕަގެ މައްޗަށް އަމުރުކޮށްދިނުމަށް ކައިޒީން ވަނީ އެދިފައެވެ. އޭނާގެ ބައިވެރިވުން ހިމެނޭ ގޮތަށް މެނުވީ ބޯޓުގެ އެއްވެސް މުއާމަލާތެއް ނުކުރުމަށާއި ހިބައިން ނުވަތަ ވަސިއްޔަތުން އަދި އެނޫންވެސް ގޮތަކުން ބޯޓުގެ މުއާމަލާތެއް ކޮށްފައި ވާނަމަ، އެފަދަ މުއާމަލާތެއް ތަންފީޒު ނުކުރުމަށްވެސް ކައިޒީން ވަނީ އެދިފައެވެ.
އެ މައްސަލާގައި އޭނާގެ ބައްޕަގެ ފަރާތުން ޖަވާބު ހުށަހަޅާފައި ނުވާ ކަމަށް ބުނެ، ބައްޕަގެ ގައިރު ހާޒިރުގައި އެ މައްސަލަ ނިންމަން ކައިޒީންގެ ފަރާތުން މީގެ ކުރިންވެސް ސިވިލް ކޯޓުގައި އެދުނެވެ.
ނަމަވެސް އެފަހަރު ކޯޓުން ނިންމީ އެގޮތަށް ހުކުމް ކުރެވެން ނެތް ކަމަށެވެ.
ސިވިލް ކޯޓުގެ އެ ނިންމުން ކައިޒީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މިދިޔަ އަހަރު ހައި ކޯޓުން ނިންމީ ސިވިލް ކޯޓުގެ ނިންމުން ބާތިލުކޮށް، ގައިރު ހާޒިރުގައި ހުކުމްކުރަން ކައިޒީން ހުށަހެޅި ހުށަހެޅުމާ މެދު އަލުން ގޮތެއް ނިންމުމަށް ސިވިލް ކޯޓަށް މައްސަލަ ތަހުވީލު ކުރިއެވެ.
ދެވަނަ ފަހަރު އެ މައްސަލަ ބެލުމަށްފަހު، ހެކިންގެ ހެކިބަހުގައި ފުށުއެރުންތަކެއް ހުރުމުން ކަމަށް ބުނެ ސިވިލް ކޯޓުން ހުކުމް ކުރީ އެ ބޯޓަކީ ކައިޒީން ފައިސާ ދީގެން ގަނެފައިވާ ބޯޓެއް ކަމަށް މަދަނީ މިންގަނޑުން ސާބިތުނުވާ ކަމަށެވެ.
ސިވިލްކޯޓުގެ މި ނިންމުންވެސް ކައިޒީންގެ ފަރާތުން ހަިއކޯޓުގައި އިސްތިއުނާފްކުރިއެވެ.
އެ މައްސަލާގައި ހައި ކޯޓުން އިއްޔެ ކުރި ހުކުމްގައި ވަނީ ކައިޒީންގެ ބައްޕަގެ ފަރާތުން ދައުވާގެ ދިފާއު ލަހުން ހުށަހެޅި ނަމަވެސް އެ ދައުވާއަކީ ޝަރީއަތް ކޮށްގެން ނިންމަން ޖެހޭ މައްސަލައެއް ކަމަށެވެ. އެހެންވެ، ދައުވާގެ ދިފާއުއާއެކު އެ މައްސަލަ ދަށު ކޯޓުގައި ކުރިއަށް ގެންދަން ހައިކޯޓުން ވަނީ ސިވިލް ކޯޓަށް އަމުރުކޮށްފައެވެ.
ހައި ކޯޓުގެ ހުކުމްގައި ވަނީ ހަމައެކަނި އިޖުރާއީ ނުކުތާތަކެއްގެ ތެރޭގައި މައްސަލަ ތާށިވެ ދަށު ކޯޓާއި ހައި ކޯޓާ ދެމެދު ދައުރުވަމުންދާ މައްސަލައެއްގެ މައުލޫއު ފުރަތަމަ ފަހަރަށް ހައި ކޯޓުން ބެލުމަކީ ކުރެވިދާނެ ކަމެއް ނޫން ކަމަށެވެ.
އިބްރާހިމް ޒަކީ
ޚަބަރު
ޚަބަރު
ޚަބަރު