ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) 2025 ގެ މެޑިކަލް ޕާޓްނަރުގެ ގޮތުގައި ޓްރީ ޓޮޕް ހޮސްޕިޓަލް ބައިވެރިވެއްޖެއެވެ.

މިދިޔަ ހުކުރު ދުވަހު ބޭއްވި އެ ދުވުމުގައި ބައިވެރިވި ފަރާތްތަކުގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށް އަމާޒުކޮށްގެން ވެވުނު އެ ޕާޓްނާޝިޕްގެ ތެރެއިން، އެ ހަރަކާތުގައި މެޑިކަލް ހިދުމަތްތައް ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ފޯރުކޮށްދީފައެވެ.

ޖުމުލަ 4,500 އަށްވުރެ ގިނަ ބައިވެރިން ވާދަކުރި އެ ރޭހުގައި ހާފް މެރަތަން، 10 ކިލޯމީޓަރު އަދި 5 ކިލޯމީޓަރުގެ ރޭސްތައް ކުރިއަށްގެންދިޔައެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގެ މެޑިކަލް ޓީމުތައް މައި މެޑިކަލް ޓެންްޓް، އަދި ޓްރިއާޖް ޓެންޓުގައި، އެމްބިއުލަންސްގެ ހިދުމަތާއެކު ފުރިހަމަ މެޑިކަލް ކަވަރޭޖެއް ފޯރުކޮށްދީފައިވެއެވެ. އެ ރޭހުގެ ކުރިން މިމަހުގެ 21 އާއި 22 ބޭއްވި ބިބް އެކްސްޕޯގައި ބައިވެރިވި ފަރާތްތަކަށް ހިލޭ ސިއްހީ ޗެކަޕްގެ ހިދުމަތް ވެސް ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ފޯރުކޮށްދީފައެވެ.

ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ ކުޅިވަރު ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ދިރާގު މޯލްޑިވްސް ރޯޑް ރޭސްއަކީ ދުޅަހެޔޮ ދިރިއުޅުމެއް އާލާކުރުމަށާއި މުޖުތަމައުގެ އެކުވެރިކަން އާލާކުރުމަށް ބޭއްވި މުހިންމު ހަރަކާތެކެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އާ އުސޫލުތަކާއި ހިދުމަތްތައް ތައާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ސިއްހީ ހިދުމަތުގެ ހަރަދުތައް ކުޑަކުރުމެވެ.

އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ހިދުމަތްތަކާއެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.