ރައީސް ޑރ. މުހައްމަދު މުއިއްޒު ދައްކަވަމުން ގެންދަވަނީ ނަމޫނާ ހިދުމަތުގެ މިސާލެއް ކަމަށް ވިދާޅުވެ، އެ މަނިކުފާނަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ތައުރީފުކުރައްވައިފިއެވެ.

ނައިބު ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އެހެން ވިދާޅުވެފައި މިވަނީ، އެންމެ ކުރު މުއްދަތެއްގެ ރައީސަކު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެންނެވުމާއެކުއެވެ. ރައީސް ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް، އެއް އަހަރާއި 11 މަސްދުވަހުގެ ތެރޭގައި ދަތުރުފުޅުކުރައްވައިފައެވެ.

ނައިބު ރައީސް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ރައްޔިތުންނާ ގާތުން ހިދުމަތް ކުރެއްވުމުގެ ވަރުގަދަ އަޒުމްފުޅުގައި ކަމަށާއި މިއަދު ކ. ތުލުސްދުއަށް އެ މަނިކުފާނު ކުރެއްވި ޒިޔާރަތާއެކު، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް، ވެރިކަމުގެ ފުރަތަމަ ދައުރުގައި އެމަނިކުފާނަށް އެވަނީ ޒިޔާރަށް ކުރެއްވިފައި ކަމަށެވެ. އަދި މިހާ އަވަސް މުއްދަތެއްގެ ތެރޭގައި އެހެން ވެރިއަކު އެ ލަނޑުދަނޑި ހާސިލުކުރައްވާފައި ނުވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

"މީގެ އިތުރުން އެ މަނިކުފާނު އެގެންދަވަނީ މީގެން ކޮންމެ ރަށެއްގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި، ސަރުކާރުގެ އިދާރާތަކުގެ މަސައްކަތް ގާތުން ބައްލަވައި، އެތައް ރަށެއްގައި ތަރައްގީގެ މަޝްރޫއުތައް ފައްޓަވައިދެއްވައި، އަދި ބައެއް މަސައްކަތްތައް ހަލުވިކަމާއެކު ނިންމަވައި އިފްތިތާހުކޮށްދެއްވަމުން. ދިވެހި ދައުލަތުގެ އެންމެ މަތީވެރިއަކަށް ހުންނަވައި އެ މަނިކުފާނު މިއަދު ދައްކަވަމުން އެ ގެންދަވަނީ ނަމޫނާ ހިދުމަތުގެ މިސާލެއް،" ނައިބު ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ރަށްރަށަށް ވަޑައިގެން ހުރިހާ ކައުންސިލުތަކާ ވެސް ބައްދަލުކުރައްވައިފައެވެ.