ރާއްޖޭގެ މީހުން ދިިރިއުޅޭ ހުރިހާ ރަށަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގެންފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް، އެއް އަހަރާ 11 މަސްދުވަހުގެ ތެރޭގައި ދަތުރުފުޅުކުރައްވައި، ރައީސްގެ މި ތާރީހީ ކާމިޔާބު ހަސީލުކުރައްވާފައި މިވަނީ، ޅ. އަތޮޅު މީހުން ދިރިއުޅޭ ހުރިހާ ރަށްރަށާއި، ކ. އަތޮޅު ތިން ރަށަކަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުގައި، ކ. ތުލުސްދޫުއަށް މިއަދު މެންދުރު ވަޑައިގަތުމާއެކުގައި ކަމަށެވެ.
"ތުލުސްދޫއަށް މިއަދު ކުރެއްވި ޒިޔާރަތާއެކު ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށަށާއި ސިޓީތަކަށް، އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އެއް އަހަރާއި 11 މަސް ދުވަހުގެ ތެރޭގައި މިވަނީ ވަޑައިގެންފަ،" ރައީސް އޮފީހުން ބުންޏެވެ.
އެ މުއްދަތުގައި އެ މަނިކުފާނު ވަނީ 63 ރަށަކަށް ދެވަނަ ފަހަރަށްވެސް ޒިޔާރަތްކުރައްވާފައިކަމަށް ރައީސް އޮފީހުން ބުންޏެވެ. މިއީ މި ސަރުކާރުން ރާއްޖޭގެ ތަރައްގީއަށް ހަލުވި ދުވެލީގައި ކުރައްވަމުން ގެންދަވާ މަސައްކަތުގެ ސާފު ހެއްކެއްކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސްގެ މި ދަތުރުފުޅުތަކުގައި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވައި، އެކި ކަންކަމުގައި ރައްޔިތުންގެ ފަރާތުން ހިއްސާކުރެއްވި ވާހަކަތައް އަޑުއެއްސެވިކަމަށް ރައީސް އޮފީހުން ބުންޏެވެ.
ސަރުކާރުގެ މިނިސްޓަރުންނާއި ކުންފުނިތަކުގެ ވެރީންގެ މައްޗަށް އެކުލެވޭ ވަފުދުތައް، މި ދަތުރުފުޅުތަކުގައި ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެ ވަފުދުތަކުން ވަނީ، ކޮންމެ ރަށެއްގައި މިހާރު ފަށާފައިވާ އަދި ފެށުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދީފައެވެ.
"ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުތަކުގެ ސަބަބުން، މީގެ ކުރިން ރަށްރަށުން މާލެއަށް ދަތުރުކޮށް، އެކި ވުޒާރާތަކާ ވަކިވަކީން ބައްދަލުކުރައްވައިގެން ދިގުލާ މަޝްވަރާތަކާއި، އެކި މަރުހާލާތަކުގައި ޖަވާބު ނުލިބިވާ ސިޓީތަކަށް ޖަވާބު ހޯއްދެވުމުގެ ބަދަލުގައި، ސީދާ ރައީސުލްޖުމްހޫރިއްޔާއާއެކު އެއް މޭޒެއްގެދޮށުގައި މަޝްވަރާތައް ކުރިއަށް ގެންދެވުމުގެ ފުރުސަތު ފަހިވެ، ތަރައްގީގެ ދުވެލި ހަލުވިވެ، ރައްޔިތުންގެ ހުވަފެންތަކުގައި ހަގީގީ ކުލަޖެހިގެންދާކަން ފާހަގަކުރެވޭ،" ރައީސް އޮފީހުން ބުންޏެވެ.
މި ދަތުރުފުޅުތަކުގެ ތެރެއިން ރައީސް ވަނީ އިޖުތިމާއީ، ރައްކާތެރިކަން ކަށަވަރުކޮށްދެއްވައި، ސުލްހަވެރި، އަމާން ވެއްޓެއް ކަށަވަރުކޮށްދެއްވުމަށްޓަކައި އަސާސީ ހިދުމަތްތައް ފުރިހަމަކޮށްދެއްވުމަށް ވަކިވަކި ރަށްރަށަށް ހާއްސަ މަޝްރޫއުތައް ތައާރަފުކޮށްދެއްވާފައިކަމަށް ރައީސް އޮފީހުން ބުންޏެވެ. އެގޮތުން، މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމް ހިދުމަތް ލިބޭނެކަން ކަށަވަރުކޮށްފައިވާކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓާ މިމަހު ނިމޭނެއެވެ. މި ސަރުކާރު ހަވާލުވިއިރު ފުލުހުންގެ ހިދުމަތް އެއްވެސް ވަރަކަށް ނެތް 66 ރަށް އޮތެވެ. ނަމަވެސް، އެ މަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގާއިމްވެ ތިބޭ ފުލުހުންގެ ހިދުމަތް ދެވެން ފެށީވެސް މި ދަތުރުފުޅުތަކުގެ ތެރެއިންނެވެ.
ރައީސް އޮފީހުން ބުނީ ރައީސް ވައުދުވެވަޑައިގެންފައިވާ ގޮތަށް، ހުރިހާ އަތޮޅެއްގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތާއި، ޕާސްޕޯޓުގެ ހިދުމަތް ގާއިމުކޮށް އެ ހިދުމަތްތައް ފޯރުކޮށްދެއްވަން ފަށައިފައިވަނީ މި ދަތުރުފުޅުގެ ތެެރެއިން ކަމަށެވެ.
ރައީސްގެ ދަތުރުފުޅުތަކުގައި، ރަށްރަށަށް އަމާޒުކުރައްވައިގެން، މަސައްކަތްތައް ފައްޓަވައި، ތަރައްގީގެ އެކި މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށްފައެވެ. އަދި ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތަކާ ގުޅުންހުރި ގިނަ މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތްތައްވެސް ވަނީ ފަށައިފައިކަމަށް ރައީސް އޮފީހުން ބުންޏެވެ.
"އެގޮތުން، އެ މަނިކުފާނުގެ މި ދަތުރުފުޅުތަކުގެ ތެރެއިން، ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި، ތައުލީމާއި، ސިއްހަތާއި، ހަށިހެޔޮކަމާއި ގުޅުންހުރި ބައެއް މަސައްކަތްތަކާއި، މަޝްރޫއުތަކުގެ އަމަލީ މަސައްކަތްތައްވެސް ވަނީ ފައްޓަވާފައެވެ. ވަކީން ހާއްސަކޮށް، އިޖުތިމާއީ ފުދުންތެރިކަން ކަށަވަރުކޮށްދެއްވުމަށް މުހިންމު ނިންމެވުންތަކެއް ނިންމަވައި، އުންމީދީ ހަބަރުތަކެއްވެސް ދެއްވި" ރައީސް އޮފީހުން ބުންޏެވެ.
ދަތުރުފުޅުތަކުގެ ތެރެއިން ވަގުތު ލިބިވަޑައިގެންނެވި މިންވަރަކުން، ރަށު ކައުންސިލް އިމާރާތްތަކާއި، ސްކޫލު މަދަރުސާތަކާއި، މިސްކިތްތަކާއި، ސިއްހީ މަރުކަޒުތަކާއި، ހޮސްޕިޓަލްތަކާއި، އިސްލާމީ މަރުކަޒުތަކުގެ އިތުރުން ކުޅިވަރު ކުޅޭ ތަންތަނާއި، އިންޖީނުގެ ފަދަ، ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދެއްވާ ތަންތަން ހުރި ހާލަތު ބައްލަވައިލެއްވުމަށް ރައީސް ވަޑައިގެންނެވިއެވެ.
ރައީސްގެ މި ދަތުރުފުޅުތަކަކީ ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކުގައި ބައިވެރިވާ އަދި މަންފާ ލިބޭ ރަށަކަށް ރާއްޖޭގެ ކޮންމެ ރަށެއް ހެއްދުމެވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ފާޅުކަންބޮޑު ރަމްޒެއްކަމަށް ރައީސް އޮފީހުން ބުންޏެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
11 މަސް ތެރޭ ރައީސް ހުރިހާ ރަށަކަށް ދިއުމުން ރައްޔިތުންގެ ހުރިހާ ކަމެށް ފުދިއްޖެ ދެން އިތުރަށް ބޭނުންވާކަމެށްނެތް.
ކަބަލުން - 8 މަސް ކުރިން