ފުޑް ސެކިއުރިޓީ (ކާނާގެ ޔަގީންކަން އިތުރުކުރުމަށް) ކ. ކާށިދޫ ބިމުން އެއް ހެކްޓަރު އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީއަށް ދޫކޮށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ކ. އަތޮޅުގެ ރަށްތަކަށް މިހާރު ފައްޓަވާފައިވާ ދަތުރުފުޅުގައި މިއަދު ކާށިދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ބިން ހަވާލު ކުރުމުގެ އެއްބަސްވުމުގައި އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ އެވެ.
ކާށިދޫ ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ކާށިދޫ ކައުންސިލްގެ ރައީސް މުހައްމަދު އާމިރުއެވެ.
ފުޑް ސެކިއުރިޓީގެ މައިގަނޑު މަގުސަދުތައް:
• މޫސުމަށް ރައްޓެހި އަދި ދެމެހެއްޓެނިވި ޓެކްނޮލޮޖީތައް ބޭނުންކޮށްގެން ރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ މިންވަރު އިތުރުކުރުން.
• ރަށު ފެންވަރުގައި ވަރުގަދަ ކާބޯތަކެތީގެ ނިޒާމުތަކެއް ގާއިމުކޮށްގެން ބޭރުން އެތެރެކުރާ ކާބޯތަކެތީގެ މައްޗަށް ބަރޯސާވާ މިންވަރު މަދުކުރުން.
• ދަނޑުވެރިކަމުގެ ދާއިރާގައި ތަމްރީނު، ވަޒީފާ އަދި ވިޔަފާރީގެ ފުރުސަތުތައް މެދުވެރިކޮށް އިގުތިސާދީ ގޮތުން އެންމެންގެ ބައިވެރިވުން އިތުރުކުރުން.
• އަގުހެޔޮ، ސިއްހަތަށް ފައިދާހުރި އަދި ޓާޒާ ކާބޯތަކެތި ލިބުމުގެ ފުރުސަތު ފަހިކޮށްދީގެން ކެއުމުގެ ރައްކާތެރިކަން އިތުރުކުރުން.
• އިގުތިސާދީ، އިޖުތިމާއީ އަދި ކެއުމުގެ ރައްކާތެރިކަމުގެ ގޮތުން ރަށުގެ މުޖުތަމައަށް މިންކުރެވޭ ފައިދާތަކެއް ފޯރުކޮށްދިނުން.
މި އެއްބަސްވުމުގެ ތެރޭގައި ހިމެނެނީ:
• ކ. ކާށިދޫގެ ޒުވާނުންނާއި އަންހެނުންނާއި އަދި ރަށުގެ ދަނޑުވެރިންނަށް އަމާޒުކޮށްގެން ދެމެހެއްޓެނިވި ދަނޑުވެރިކަމާއި ވިޔަފާރީގެ ހުނަރުތަކާއި އަދި ޓެކްނޮލޮޖީ ބޭނުންކުރުމަށް އަމާޒުކޮށްގެން ހިންގޭ ތަމްރީނު ޕްރޮގްރާމްތައް.
• މުޖުތަމައުގެ މައްޗަށް ބިނާކޮށްގެން ހިންގޭ ކޯޕަރޭޓިވްތަކާއި ނުވަތަ ހިންގުމުގެ އިދާރާތައް އުފެއްދުން.
• ކެއުމުގެ ރައްކާތެރިކަމާއި ދެމެހެއްޓެނިވި އާދަތަކާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕޭންތައް ހިންގުން.
ރާއްޖޭގައި ކާނާގެ ޔަގީންކަން އިތުރުކުރުމަށް ސަރުކާރުން އިސްކަން ދެއްވައިގެން ފަށާފައިވާ، ފުޑް ސެކިއުރިޓީ މަޝްރޫއުގެދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ރަށްރަށުން ދޫކުރާ ބިންތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ބޮޑު މަންފާއެއް ކުރާނެކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ކާށިދޫގައި ފެށޭ މި މަޝްރޫއުގެ ސަބަބުން ކާށިދޫގެ އިގުތިސޯދަށްވެސް މަންފާ ކުރާނެކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.
ފާތިމަތު ލިއުޝާ
ކ. ކާށިދޫ
ކ. ކާށިދޫ
ކ. ކާށިދޫ
ކ. ކާށިދޫ